ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ޑެލިވަރީ އެޕްއެއް ހަދަން 9 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފައި ވަނިކޮށް އެސްޓީއޯއިން އެކަން ހުއްޓުވައިފިއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުދިން ގޮތުގައި އެފްއެސްއެމްގެ ޑެލިވަރީ އެޕް ހެދުމަށް ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި، އެގޮތުން މި އެޕް ހެދުމަށް އެއް ފަރާތަކުން ހުށަހަޅާފައިވަނީ 2 މިލިއަން ރުފިޔާއަށް ކަމަށްވާއިރު، އަނެއް ފަރާތަކުން ހުށަހަޅާފައިވަނީ 9 މިލިއަން ރުފިޔާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެޕް ފަރުމާ ކުރުމަށް އެފްއެސްއެމްއިން ހަވާލުކުރީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފާތިމަތު އާޝާންއާއި ގާތް ގުޅުމަށް އޮންނަ ބަޔަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެފަރާތަށް ހާފް ޕޭމަންޓް ހަދާ އެޕްލިކޭޝަން ފަރުމާ ކުރުމަށް ހަވާލުކޮށްފައިވަނިކޮށް އެސްޓީއޯއިން ވަނީ މިކަން ހުއްޓުވާފައެވެ. މިގޮތަށް މިކަން އެސްޓީއޯއިން ހުއްޓުވި ކަމަށް މައުލޫމާތުލިބިފައިވަނީ ދެން މިއެޕް ހެދުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ގާތް ގުޅުމެއް އޮންނަ ބައެއް ކަމުން އެފަރާތުން މިމައްސަލަ ފެންމަތި ކުރުމާއި ގުޅިގެންނެވެ.
މިއީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާންއާއި ސީއޯއޯ މުހައްމަދު މުރާދާއި ދެބޭފުޅުން ގުޅިގެން ހިންގާ ކޮޕަރްޝަނުގެ އަމަލެއް ކަމަށް ކުންފުނީގެ މުވައްޒަފުން ތުހުމަތު ކުރަމުންދާއިރު މިމައްސަލަ އެސްޓީއޯގެ އޮޑިޓު ޑިޕާރޓްމަންޓުންވެސް ދަނީ ބަލަމުން ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތުލިބިފައެވެ.
މިއެޕްލިކޭޝަންގެ ބިޑިންގ މަރުހަލާ ދިޔައިރު އައިސީޓީ ޑިޕާރޓްމަންޓާއި ހަވާލުވެ ހުންނެވީ އެކުންފުނީގެ ޑީއެމްޑީ ޝުޢާއުއްﷲ ސައީދުއެވެ.
އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެއީ ރާއްޖޭގައި ތެޔޮވިކުއްމުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ކުންފުންޏެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރު އައުމަށްފަހު އެފްއެސްއެމްއާއި ގުޅުން ހުރި ތަފާތު ކޮރަޕްޝަންގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެއެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެމް.ޕީ.އެލްއާއި އެފް.އެސް.އެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ކުރުމަށް 27 ފެބްރުއަރީ 2025 ގައި ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
މީގެ އިތުރުން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލް އާއި ގާތް ގުޅުމެއް އޮންނަ ދެ މީހަކު އެ ކުންފުނީގެ ގުދަނުގައި ހުރި މަސްދަޅުތަކެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެފައިވާއިރު، ސުހައިލް އަޑީގައި ހުންނަވައިގެން އެކުންފުނީގެ ތެޔޮބޯޓުތަކުން ނުއަގުގައި ތެޔޮ ވިއްކަވައިގެން ކަރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމަށް އާޝާން އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި އިސްމާއީލް ސުހައިލް، މިދިޔަ ނޮވެންބަރު 26ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.