ހއ.ކެލާ ފަޅުގައި ޓޫރިސްޓް ދެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ބާތިލު ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަން މިހާތަނަށް ތަރައްގީ ވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީ (ސ) ގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 24 މަސް ދުވަހުގެ މުއްދަތަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެ ލުއިތަށްދީ އަލުން އިއުލާންކުރުމަށް، ކެލާފަޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް 31 މާރިޗު 2025 ގައި އިއުލާނުން ހުޅުވާލެވުނު ބީލަން ބާތިލް ކޮށްފައިވާ ކަމަށެވެ.
އެފަޅުގައި ތަރައްގީކުރާ ޕްލޭންކޮށްފައިވާ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައިވަނީ 169.3 ހެކްޓަރެވެ. އެ ސަރަހައްދުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2،032،110 ޑޮލަރެވެ. ދެވަނަ ރިސޯޓަށް 156.2 ހެކްޓަރު ކަނޑައަޅައި އަގަކަށް ކަނޑައެޅީ 1،996،740 ޑޮލަރެވެ.
މި މަޝްރޫއާ ގުޅޭގޮތުން ކުރިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން، މި ދެ ރިސޯޓް ތަރައްގީކުރަން ޖެހެނީ 200 އެނދުގެ ޖާގަ އާއި އެކުގައެވެ. އަދި އެ ރަށް ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށެވެ.
ކެލާ ފަޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ބީލަން ބާތިލްކޮށްފައިވާއިރު، ކެލާގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ކަންބޮޑުވުންފާޅު ކުރައްވާފައިވެއެވެ.
ޝަރީފް ވިދާޅުވީ މިސަރުކާރުގައި ކެލާގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި، ފަޅުގައި ރިސޯޓު ތަރައްގީ ކުރުމަށް ވެސް އިއުލާން ކުރުން ނޫން ކަމެއް މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ. މި މަޝްރޫއާމެދު ރައްޔިތުން ތިބީ ވާނުވާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ ގޮތާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކުގައި ސޮއިކުރާ ކުންފުނިތަކަކީ އެއްވެސް ތަޖުރިބާއެއް ނުވަތަ ކަމާގުޅުންހުރި މަޝްރޫއުތައް ހިންގާފައިނުވާ ކުންފުނިތައްކަން ހާމަވެއެވެ. އަދި އެކުންފުނިތަކަށް ބޮޑެތި ލުއިތަކާއެކު ރާއްޖޭގެ ބައެއް ފަޅުތަކާއި، ފަޅު ރަށްތައްދޭ ކަމަށް ދަނީ ތުހުމަތުތައް ކުރެވެމުންނެވެ.