މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ހައްޔަރުކުރުމަށް އަމުރުކޮށްފިއެވެ.
މާލެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 02 ޖުލައި 2025 ވަނަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެމީހާ ހުރިތަން ހޯދައި، 3 ޖުލައި 2025 ވަނަ ދުވަހު އެމީހާ ސަލާމަތް ކޮށް އެމައްސަލާގައި ތުހުމަތުގައި ކުށުގެ ވެށިން އައްޑޫ ސިޓީ، ފޭދޫ ސުވާސާގެ، 48 އަހަރުގެ އިބްރާހިމް ސައީދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ސައީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ރަހީނުކޮށް، އަނިޔާކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަހަކަށް އައިސް މީހުން ރަހީނުކޮށް، އަނިޔާ ކުރުމާއި، ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިމަހުގެ 3 ވަނަ ދުވަހު މާލޭގެ ގެެއެއްގައި ރަހީނު ކޮށްފައިހުރި ބަންގްލަދޭޝް ފިރިހެނެއް ސަލާމަތް ކޮށްފައިވެއެވެ.
މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައެއް ވެސް ފެންމަތިވިއެވެ. މި މައްސަލައިގައި ވެސް ކުށުގެ ވެށިން 12 މީހަކު ހައްޔަރުކުރިއެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމަށް ފަހު އެމީހުން ދޫކޮށްލީއެވެ.