މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން 2025 ޖުލައި 2 ވަނަ ދުވަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، ހުސައިން ޝާނިމު (24އ) އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އޭނާ ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި 3 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. މި ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށެވެ.
ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.