ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަކުގައި ޚިދުމަތް ދޭން ހަދާފައިވާ ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް އިންވެސްޓް ކޮށްގެން އެތަންތަން ހިންގުމަށް ދިވެހި ކުންފުނިތަކަށް ފުރުސަތު ނުދިނުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުކީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެއާޕޯޓުގެ ވީއައިޕީ ޓަމިނަލް އަކީ އެތަނުން ވަރަށް ގިނަ އާމްދަނީ ލިބޭ އަދި އެތަނަކުން އެމްއޭސީއެލްއަށް ގިނަ އާމްދަނީތަކެއް ވަންނަ ދޮރެއް ކަމަށެވެ. ކަންމިހެން ހުރުމާއި އެކު މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ އައު ޓާމިނަލް ހުޅުވުމާއި އެކު އެތަނުން މާ ގިނަ އާމްދަނީ އެމްއޭސީއަށް ލިބޭނޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެއާޕޯޓު އަޅަން ލޯނެއް ނަގާއިރު، އެ ލޯނުނަގަން ހުށަހަޅަނީ އެލޯނު ދައްކާނެ ޕްލޭނަކާއި ވެސް އެކުގައި ކަމަށާއި އެގޮތުން މި ޕްލޭނުގައި އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން ލިބޭނޭ އަދަދުތަކުގެ ތަފްސީލް ތައް ކަނޑައެޅި ބަޔާންކޮށްފައި ހުންނާނޭ ކަމަށް އަމްރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއާޕޯޓު ނިމުމުން އެއާޕޯޓުން ބައެއް އެހެން ޕާޓީއަކަށް ދޫކޮށްލާއިރު އޭގެންވެސް ނަތީޖާއެއް ނުކުންނަ ކަމަށާއި އެ ނަތީޖާއަކީ ހަގީގަތުގައި އެތަނުން އާމްދަނީ ލިބެން ވާރަކަށް ނުލިބޭ މައްސަލަ ކަމަށް އަމްރު ވިދާޅުވިއެވެ. އެހެން ކަމުން އަނެއްކާވެސް ދެން މިޖެހެނީ އެއާޕޯޓު ހަދަން ނެގި ލޯނުދައްކަން އިތުރު ދިމާއަކުން ފައިސާތަކެއް ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި އެމްއޭސީއެލް އަށް އަމިއްލައަށް ވެސް އެކަން ކުރެވިދާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށާއި އެގޮތުން އެ ކުންފުނިން ނުވަތަ ސަރުކާރުން ވަކި ކުންފުންޏެއް ހަދައިގެން މި ޚިދުމަތްތައް ދިނުން އިތުރަށް ފުޅާކޮށްދޭން ފަށައިފި ނަމަ ދުނިޔޭގެ އެހެން ކުންފުނުތަކުން ވެސް މިކަން ކުރާ ފެންވަރަށް ރާއްޖެއިން ވެސް މިކަން ކުރެވެން ޖެހޭނޭ ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ބޮޑު މައްސަލައަކީ އެ ފަރާތްތަކަށް އެ ވިސްނުން ނާންނަ ކަންކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
އަބަދުވެސް އެމްއޭސީއެލް އިން ދޭ ޚިދުމަތްތައް އަބަދުވެސް ބޭރުގެ ކުންފުނިތަކަށް ދޭންމިޖެހެނީ ކީއްވެތޯ ސުވާލު އުފައްދަވަމުން އަމްރު ވިދާޅުވީ މިތާ އުސޫލުހަދާފައި މި އޮންނަ ގޮތުން ބޭރުގެ ކުންފުންޏަކުން އައިސް ކަމެއް ކުރީމަ ނޫނީ މިތަނުން ދިވެހިންނަށް ފައިދާއެއް ނުވަތަ އެއްވެސް އެއްޗެއް އެނގޭކަމަށް ވެސް ނުވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަމްރު ވިދާޅުވީ އެއާޕޯޓުގައި މިހާރު އަލަށް ހުޅުވާ އައު ޓާމިނަލުން ފިހާރަތަކާއި، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ދިވެހި ކުންފުނިތަކަށް ދޭ އުސޫލަކީ ކޮބައިތޯ ބެލުމަށް ފޯނުން ގުޅައި މައުލޫމާތު ސާފުކުރެއްވި ކަމުގައެވެ. އަދި އެއާޕޯޓުގެ އެއްވެސް ތަނަކުން އެއްވެސް އިންވެސްޓެއް ކުރުމަށް ދިވެހި ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ ބަދަލުގައި ބޭނުން ވަނީ އެއާޕޯޓަށް ބޭރުގެ ކުންފުނިތަން ގެންނަން ކަމުގައި ވެސް އެ ފަރާތުން ބުނެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
އަޅުގަނޑަށް އެނގޭ އެއްޗަކީ މިތަނަށް މި އަންނަ 2 މިލިއަން ޓޫރިސްޓުން އަންނަނީކީ މިތަނުގެ ކޮސްޓާ ބްރޭންޑްގެ ކޮފީ އެއާޕޯޓު ޓާމިނަލަލުން ލިބޭތީކީ ނޫނޭ. ނޫނިއްޔާ ކޮފީ ކުލަބް އެތަނުގައި ހުރެގެން އެތަނުން ކޮފީ އެއް ބުއޭތީކީ ނޫނޭ، ނޫނިއްޔާމު ތައި އެކްސްޕްރެސް ކިޔާ ތައި ރެސްޓޯރަންޓެއް އެތަނުގައި ހުރެގެން އެތަނުން ކާކަށް ވެސް ނޫނޭ. މިތަނަށް އަންނާނޭ މިތަނުގައި ދިވެހި ކުންފުނިތަކުން ވެސް އެތަނުގައި އެކަން ކުރިޔަސް އަންނަބަޔަކު އައިސް ކައިގެންނޭ ދާނީ
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު![]()
އަމްރު އިތުރަށް ވިދާޅުވީ ހަގީގަތުގައި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރަށް ގޮސް ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް މި ލިބެނީ އެއާޕޯޓުން ކަމަށެވެ. އޭގެ ބަދަލުގައި އެއާޕޯޓުން އެތަނުގައި އިންވެސްޓުކޮށް ބިޒްނަސް ހިންގުމުގެ އެ ފުރުސަތު ދިވެހި ފުންފުނިތަކަށް ވެސް ދިނުން މުހިންމު ކަމުގައި އޭނާ ވިދާޅުވިއެވެ.