ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިގުތިސާދީ ނިޒާމު ސަލާމަތްކުރުމަކީ، މިއަދު މުޅި މުޖުތަމައުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ހަލާލުގޮތުގައި މާލީ މުއާމަލާތްތައް ކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން، މުއާމަލާތުގެ ބަޔަށް ވެސް އިސްކަންދީފައިވާ ކަމަށެވެ.
އެހެންކަމުން އިންސާނާގެ ހަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތުތަކާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށާއި، އެގޮތުން މާލީ މުއާމަލާތުތަކަކީ، އެކަމާމެދު އިންތިހާއަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި، މުޅި އިގުތިސާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްއިރު، މާލީ މުއާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ ކުރީން މަޖުބޫރު ހާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގާން ޖެހުނު ކަމުގައި ވިޔަސް، މިއަދު މި ވަނީ، މާތް ﷲގެ ރަހުމަތާއެކު، އިސްލާމީ އުސޫލުން ޚިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް މިރާއްޖެއާއި މުޅި ދުނިޔެއަށް ތައާރަފް ވެފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި، މުއައްސަސާތައް ނުހިންގޭނެކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއަދު މުސްލިމް ގައުމުތަކުގެ އިތުރަށް އެހެނިހެން ގައުމުތަކުގައި ވެސް އިސްލާމީ ޝަރީއަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުއާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ކާމިޔާބުކަމާ އެކު ހިންގަން ފަށާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި، ކުވައިތާއި، ގަޠަރާއި، މެލޭޝިޔާއާއި، ޕާކިސްތާނާއި، މިޞްރާއި، ޔޫއޭއީއާއި، ބަހްރެއިނާއި، ސޫދާނާއި، އީރާނާއި، އިންޑޮނޭޝިޔާއާއި، އިނގިރޭސިވިލާތާއި، ޔޫރަޕުގެ ކިތަންމެ ގައުމެއް ހިމެނެއެވެ. އަދި އިސްލާމީ ޝަރީއަތް ހުއްދަކުރާ ގޮތަށް، މާލީ މުއާމަލާތުތައް ކުރެވެން ނެތް ކަމަށް ނިންމެން ނެތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
''ރިބާގެ މުއާމަލާތަކީ، الله سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވައިފައިވާ، ހަލާކުކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައި ވެއެވެ. (اِجْتَنِبُوا السَّبْعَ الْـمُوْبِقَاتِ، قَالُوْا: يَا رَسُوْلَ اللهِ وَمَا هُنَّ؟ قَالَ: اَلشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِيْ حَرَّمَ اللهُ إِلَّا بِالْـحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيْمِ، وَالتَّوَلِّيْ يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ) މާނައީ: "ތިޔަބައިމީހުން ހަލާކުކުރަނިވި ބޮޑު ހަތް ފާފައިން ދުރުވާށެވެ!" ދެންނެވުނެވެ. "ﷲގެ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "މާތް ﷲއާ ޝަރީކުކުރުމާއި، ސިހުރުހެދުމާއި، ﷲ ހުރުމަތްތެރިކުރެއްވި ނަފުސެއް ހައްގަކާނުލައި މެރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލަންދުވުމާއި، ފާފަކުރުމުގެ ވިސްނުމެއް ވެސް ނެތް އިއްފަތްތެރި މުއުމިނު އަންހެނުންގެ މައްޗަށް ޒިނޭގެ ތުހުމަތުކުރުމެވެ."
ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރި ވެއެވެ. އެބަހީ، ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާ ގުޅޭ ލިޔުންތައް ލިޔާ މީހާއާއި އެ ކަމަށް ހެކިވާ މީހުން ވެސް ހިމެނޭ ގޮތަށް، މި އެންމެންނަކީ، ފާފާގައި ހަމަހަމަ ބައެއްކަމާއި، މި އެންމެންނަށް ﷲގެ ލައުނަތް ހުރިކަމަށް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ މި އުންމަތަށް އިންޒާރުކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ) މާނައީ: "ރިބާ ކާމީހާއާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއާއި، އެ މުޢާމަލާތުގައި ހެކިވާ މީހާއާއި، އެ ކަމުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާގެ މައްޗަށް ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ލައުނަތް ލެއްވިއެވެ."
ހުކުރު ޚުތުބާ![]()
ޚުތުބާގައި ބުނީ ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިގުތިސާދީ ނިޒާމު ސަލާމަތްކުރުމަކީ، މިއަދު މުޅި މުޖުތަމައުގެ ހައްގުގައި އަހަރެމެން ކުރާންޖެހޭ ކަމެއް ކަމަށާއި، ޝައްކާއި ވަހުމް އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، ޝައްކުކަމެއް ނެތް ހުއްދަ މުއާމަލާތުތަކަށް ރުޖޫއަވާން ޖެހޭ ކަމަށެވެ.
ޚުތުބާގައި ބުނީ، ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމަށާއި، އެއީ އުޚުރަވީ ހަޔާތުގައި ވެސް ވޭންދެނިވި އަޒާބާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
ރިބާއިން ދުރުހެލިވުމަށް ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި މާތް ﷲ ވަނީ އަންގަވައިފައެވެ. އަދި އެކަމުން ދުރުހެލި ނުވާނަމަ، ﷲގެ ހަޟުރަތުންނާއި އެކަލާނގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ފަރާތްޕުޅުން ހަނގުރާމަ އިއުލާނުވެގެންވާކަން ވެސް އަންގަވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާ ކަމަށާއި، ރިބާގެ ސަބަބުން އިގްތިސާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނާންޖެހޭ އިގްތިސާދީ އަދުލުވެރިކަން ނެތި ކޮށްލާ ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ވަނީ، ތިމާއާއި ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުއާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނުހެދުމަށް ގޮވާލާފައެވެ. އަދި މާތް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އަޅުކަންކުރުމަށް އިސްކަންދޭ ފަދައިން، މާލީ މުއާމަލާތުތައް ވެސް ﷲގެ ރުހިވޮޑިގަތުން ލިބޭނޭ ގޮތަށް ބައްޓަންކުރުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.