ކ. މާލެ
|
3 ޖުލައި 2025 | ބުރާސްފަތި 12:46
އާސަންދައިން ފައިސާ ލިބުން ދަތިވެ، ބޭސްފަރުވާއަށް ސަލާން ޖެހުމަށް މަޖުބޫރު ކުރުވަނީ
އާސަންދައިން ފައިސާ ލިބުން ދަތިވެ، ބޭސްފަރުވާއަށް ސަލާން ޖެހުމަށް މަޖުބޫރު ކުރުވަނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބޭސް ނުލިބުން ހައްލުވާނެކަމަށް ކުރެވުނު އުއްމީދު ފެނަށް
ބޭސް ސިޓީއަށް ބޭސްނުލިބުން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހައްލުކުރައްވާނެ ކަމަށް ވިދާޅުވި ދުވަސްވެސް ފަހަނައަޅާ ދިޔައީ އެވެ.
f

"މީދެން ކިހާ ދެރަކަމެއް. ތިން ބޭސް އޮތިއްޔާ ދެބޭސް ނުލިބޭ. ލިބޭ ބޭހަކަށް އާސަންދައެއް ނުލިބޭ. މިއޮތީވާ ހެޔޮފުޅު ސަރުކާރެއް" އައިޖީއެމްއެޗް ކުރިމަތިން ބޭސް ސިޓީއެއް އަތަށް ލައިގެން ފިހާރަތަކަށް ވަދެ ނިކުންނަމުން މީހަކު ކިޔަމުންދިޔައެވެ.

އޭނާ ބުންޏަސް އެއީ ބޮޑު ތެދެކެވެ. ކޮންމެހެން ނަގަނަގާފައި އެވާހަކަ ނުދެއްކިއަސް ބޭސް ލިބުމުގައިހުރި ދަތިކަން ތަހައްމަލް ކުރަން ނުޖެހޭ ހަމަ އެކަކުވެސް މިހާރަކު ނެތެވެ. ކުރިން ހީވެފައި އޮންނަނީ މަދު ބޭހެއް މަދު ފަހަރަކު ނުލިބުނީމާވެސް މީހުން ޝަކުވާ ކުރަނީ ކަމަށެވެ. ފުރަތަމަ ވަދެލާ ފިހާރައިން ލިސްޓަށް ހުރިހާ ބޭހެއް ނުލިބޭތީ ބުނެ އުޅެލާ އަތްމަތީ ބަހެއް ކަމަށެވެ. އެކަމަކު އެއީ ކަންއޮތްގޮތެއް ނޫނެވެ. ޑޮކްޓަރު ލިޔެދޭ ބޭސްތަކުގެ ތެރެއިން މަދު ފަހަރެއްގައި ނޫނީ އެއިން ސިޓީއަކަށް އެއްފިހާރަ ދެފިހާރައަކުން މިހާރު ބޭސް ނަގައި ނިންމައެއް ނުލެވެއެވެ. ބޭސް ހަމަކޮށެއް ނުލެވެއެވެ. ވަކި ބޭހެއް ވެގެނެއް ނޫނެވެ. އެންމެ އާދައިގެ ބޭސްވެސް ލިބުމުގައި މިހާރު ރައްޔިތުންނަށް ވަނީ ބޮޑު ތަކްލީފަކަށެވެ.

ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ރާއްޖެއިން ނުލިބޭ ބޭސްވެސް ހުރެއެވެ. އެބޭސް ގެނެސްދޭ ފަރާތަކީ ސަރުކާރުގެ ފަރާތުން އެސްޓީއޯ އެވެ. އެކަމަކު އެބޭސް ގެނެސް ބަލިމީހާއަށް ލިބުމުގައިވެސް އެތައް ދުވަހެއް މިހާރު ނަގައެވެ. އާޖެންޓްކޮށް ޖަހަން ޑޮކްޓަރުން އަންގާ އިންޖެކްޝަން ލިބެން ދެމަސް ތިންމަސް އެބަ ނަގައެވެ. ވަގުތުން ފަށަން އަންގާ ބޭސްތައް ލިބުމުގައިވެސް ހަމަ އެހާވަރެވެ.

ހަމަ މިބީދައިން ބައެއް ފިހާރަތަކުން ލިބޭ ބޭހަށް އާސަންދައެއް ނުލިބެއެވެ. އެފިހާރައަކުން އެބޭސް އާސަންދައިން ދޫނުކުރަނީއެވެ. އާސަންދަ ލިބޭ ބޭސްތަކުގެ ލިސްޓުގައި ހިމެނުނަސްމެއެވެ. ބޭސްފިހާރަތަކުގެ ބަސްވެސް ގޯހެއް ނޫނެވެ. އެވެރިންނަށް އެބޭސް ލިބިގެން ވިއްކޭ އަގާ އާސަންދައިން ސަރުކާރުން ކަނޑައަޅާފައި އޮންނަ އަގާ ދިމާނުވުމެވެ. އެއަގަށް ބޭސް ދޫކޮށްގެން ވިއްކެން ނެތުމެވެ. އަނެއް ކަމަކީ އާސަންދައިގެ ދަށުން ދޫކުރާ ބޭސްތަކަށް ފައިސާ ލިބުމުގައި އޮންނަ ތާށިކަމެވެ. ފިހާރައަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމެވެ.

ބޭސް ނުލިބުމުގެ ވާހަކަ އަޑުހަރުކޮށް ދައްކަނީކީ ސަރުކާރާ އިދިކޮޅު މީހުން އެކަންޏެއް ނޫނެވެ. ރަތްލާޖެހި ސަރުކާރު ޕާޓީގެ މީހުންވެސް މިވާހަކަ ދައްކައެވެ. ބޭސް ނުލިބުނީމާ އެއަންނަ ޖަޒްބާތުގައި އެކަން އެމީހުންވެސް ގޮވާ ނަގައެވެ. އޭގެ އެއް ހެއްކަކީ ސަރުކާރު ޕްރޮމޯޓް ކުރަން ފައިސާ ދީގެން ގެންގުޅޭ ސޯޝަލްމީޑިޔާ ކުދިންކޮޅަކަށްވެސް މިކަމާ ދެކޮޅަށް އެއްޗެއް ބުނާން ނުކެރުމެވެ. ބޭސް ލިބެޔޭ އެކަން ހައްލުވެއްޖެއޭ ކިޔައިގެން އެންމެ ޕޯސްޓެއްވެސް ކޮށްލަން އެމީހުންނަށް ނުކެރުމެވެ.

ބޭސް ނުލިބުމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ އުދާސްތައް ކޮޅުން ލިމާ ރައީސުލް ޖުމްހޫރިއްޔާ ދެއްވީ ސީދާ ޔަގީން ތާރީޚެކެވެ. ހައްލުކުރާނެ ކަމަކުގެ ކަށަވަރުކަމެކެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 15 އާ ހަމައަށް އެކަން ހައްލުކޮށް ނިންމާނެ ކަމަށެވެ. އޭގެ ފަހުން ބޭސް ނުލިބިގެން ރައްޔިތުން އުޅެން ނުޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޔަގީން ކަމާއެކު ވިދާޅުވިއެވެ. އޭޕްރީލް 15 ވެސް އަދި މެއި 15 ވެސް ދިޔައީއެވެ. ދެންއައި ޖޫން 15 ފަހަނައަޅާގޮސް ޖުލައި 15އާވެސް މިއޮށްގެން އަރާ ގާތްކުރަނީއެވެ. ލިބުނު ހައްލެއް ނެތެވެ.

ބޭސް ނުލިބުމުގެ މައްސަލަ ރައީސުލް ޖުމްހޫރިއްޔާ އޭރު އެޅުވީ ޒަމާނުންސުރެ ރާއްޖޭގައި ބޭސްވިއްކާ ބޭސްފިހާރަތަކުގެ ވެރިންގެ ބޮލުގައެވެ. ވިދާޅުވީ ބޭސްވިއްކުމުގައި އެއީ މާފިޔާ ބައެއް ކަމުގައެވެ. އެތައް ގުނައެއް އިތުރުކޮށްގެން ބޮޑުއަގުގައި ބޭސް ވިއްކައިގެން އެމީހުން މުއްސަނދިވާކަމަށް ވިދާޅުވެ ވަރަށް ބޮޑެތި ފާޑުތައް ރައީސް އެމީހުންނަށް ވިދާޅުވިއެވެ. ދިމާވި މައްސަލައަކީ އެކަން ހައްލު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުން ބޭސްފިހާރަތަކުގެ ވެރިން ކުރިކަމަކުން ދިމާވި ދައްޗެއް ކަމަށެވެ. އޭޕްރީލް 15 ގައި ހައްލުވާނެކަމަށް ވިދާޅުވީ އެކަމަށް ގެންނަވާ ބަދަލުގެ ވާހަކަވެސް އިއުލާން ކުރައްވަމުންނެވެ. ރާއްޖެއަށް ގެންނަން ބޭނުންވާ ބޭސް ގެންނަން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ހަވާލުކުރެއްވުމެވެ. ރާއްޖެއަށް ބޭސްގެންނާނީ އެސްޓީއޯއިން ކަމަށް ކަނޑައެޅުމެވެ. މައްސަލަ ހައްލުވަނީ އެހެންވެގެން ކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ

އެކަމަކު އޭގެ ދުވަސްތަކެއް ފަހުން އެސްޓީއޯއިން އެބުނީ އެމީހުންނަށް އަދި އެކަން ވާން ނެތްކަމަށެވެ. ނޫންނަމަ ކުރުމުގައި އިންތިހާއަށް ދަތިކަމަށެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް އެއެއްބަސްވެވަޑައިގަތީ އަދި އެވެރިންނަށް އެކަން ކުރެވިފައި ނުވާ ކަމެވެ. އަދި އެކަން ކުރެވޭނެ ދުވަހެއް ދަންނަވަންވެސް ނޭނގޭ ކަމަށް ޝިމާދު ވިދާޅުވީއެވެ. އާދައިގެ ތަނެއްގައެއް ނޫނެވެ. ސަރުކާރުގެ ބޮޑުބާރު އޮންނަ ރައްޔިތުންގެ މަޖިލީހުގައެވެ.

ޝިމާދު އެކަން ކަނޑާލީ ސަރުކާރުގެ އިދާރާއެއްގެ ބޮލަށެވެ. ސަރުކާރުން ސަރުކާރަށެވެ. އެކަން ނުކުރެވިގެން އުޅެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގަވާއިދު އޮތްގޮތުން ނޯލައެވެ. ޝިމާދު ވިދާޅުވީ އެސްޓީއޯއަށް ގެނެވެނީ ބޭނުންވާ ބޭހުގެ 30 އިންސައްތަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޝިމާދު ވިދާޅުވީ ބޭހުގެ ރެގިއުލޭޝަންތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއިން ގަވާއިދު ހަދާފައި އޮންނަ ގޮތުން އެއް ބޭހެއް، ދެ ކުންފުންޏަކަށް ރާއްޖެ އެތެރެ ނުކުރެވޭ ކަމަށެވެ.

"އެސްޓީއޯ މި ގެންނަނީ މި ބޭހުގެ ގާތްގަނޑަކަށް 30 އިންސައްތަ. ރާއްޖެއަށް ބޭސް އެތެރެ ކުރަން މިއޮންނަ އުސޫލަކީ ކޮންމެވެސް އެއް ފަރާތަކުން ބޭސް ރަޖިސްޓަރ ކޮށްފިއްޔާ އެފަރާތަކަށް އެކަނި އެބޭސް އެތެރެ ކުރެވޭނީ އެނގޭތޯ. އޭގައި އުޅޭ ދެ މައްސަލައެއް. ފުރަތަމަ މައްސަލައަކީ އެމްއެފްޑީއޭގެ އުސޫލުން ރާއްޖެއަށް އެތެރެކުރެވެނީ ވެސް އެފަރާތަށް އެކަނި. އަނެއްކޮޅުން ސަޕްލައި ސައިޑުން ސަޕްލައި އުސޫލުން ގިނަ ފަހަރު އެއްޕާޓީއަށް މި ހުއްދަދެނީ. ބައިވަރު އެހެން ބޭސްތައް އެބަހުރި ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓަރ ކޮށްފައި ހަމަ އެޕްރޫވްޑް ލިސްޓަރަށް އަރާނެ ރަޖިސްޓާ ކުރެވުނީމަ. ހުރެފައި އެފަރާތްތަކަށް ތަފާތު ސަބަބުތަކާހެދި އެތެރެ ނުކުރެވުނީމަ އެބޭސްތައް ޑޮކްޓަރުން ލިޔެ ދެއްވިޔަސް ފާމަސީތަކުން ނުލިބޭ މައްސަލަ. ޑޭޓެއް ދަންނަވަން އުދަނގޫ ވަނީ. އެއީ އަޅުގަނޑުމެންނަށް މިހާރު އޮންނަ ޕްރޮސަސްގެ ތެރެއިން އެތެރެ ކުރެވޭނެ ބޭސްތަކަކަށް ނުވާތީ. އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޑޮކްޓަރުންނާ ވާހަކަ ދައްކައިގެން ޖެނެރިކް ކޮށް ބޭސް ލިޔެގެން އޭގެ އޯލްޓަނޭޓިވް ބްރޭންޑެއް ހޯދަން." ޝިމާދު ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް ހަމަކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާ ކަމަށާއި، ގައުމުތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކި ގައުމުތަކާ އެކު މަސައްކަތްކޮށްގެން ވެސް އަދިވެސް އެތެރެނުކުރެވޭ 500 އަށްވުރެ ގިނަ ބޭސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މީހަކު ހައިރާނެއް ފަހެ ނުވާނެ ހެއްޔެވެ. އެސްޓީއޯއަށް ބޭސްގެނައުން ހަވާލުކޮށް ހައްލު ކުރާނެ ސީދާ ތާރީޚެއް މުތުލަގަށް ވަލިއްޔުލް އަމުރު ވިދާޅުވީ އެކަންކަން ނޭނގި ހެއްޔެވެ. އެހިސާބުތައް ނުޖަހާ ހެއްޔެވެ. އަނެއް ކަމަކަށް ތިޔަ ކިޔަނީ ސަރުކާރުގެ އިދާރާއެއްގެ ވާހަކައެވެ. ވަގުތުން ވަގުތައް އެގަވާއިދެއް އިސްލާހް ކުރެވެން އޮތް ސަރުކާރެއްގެ ވާހަކައެވެ. ގަވާއިދު ކީއްކުރަން ހެއްޔެވެ. ގާނޫނަށް އަދި ގާނޫން އަސާސީއަށްވެސް ބަސްބުނާހިނދުން ބަދަލުކުރެވެން އޮތް ސަރުކާރެއްގެ ވާހަކައެވެ. ސަރުކާރުން ބޭނުންވީމާ ބޭނުން ގޮތަކަށް ރަނުން ރަނަށް އެފަދަ ކަންކަން ކޮށްފައިވެސް އެހެރީއެވެ.

ކޮންމެއަކަސް މާބޮޑު ބަހަނާއަކަށް ޖާގައެއް ނެތެވެ. ތިޔަވަނީ ބޮޑުތަނުން ފެއިލްވެފައެވެ. ތިޔަކަމެއް ނުކުރެވުނެވެ. ބޭހެއް ނުލިބުނެވެ. ރައްޔިތުންގެ ހާލަތު ގޯސްވެ ނޭވާ ހޮޅިއަށް އެޅެނީއެވެ. ހައްލުގެ ކޮޅެއް މެދެއް ފެންނާކަށް ނެތެވެ. އުއްމީދު ފަނޑުވެ ކުރިން ލިބުނު އުއްމީދުވެސް ތިޔަ ގެއްލުނީއެވެ. ބޭސް ނުލިބުން ހައްލުވާނެކަމަށް ކުރެވުނު އުއްމީދު މިހިނދަށް ފެނަށްވީއެވެ.

- ކޮމެންޓް