މާލޭގެ ގެއެއްގައި ރަހީނުކޮށްފައިހުރި ބިދޭސީ ފިރިހެނެއް ސަލާމަތްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ، މާލެ ގެއެއްގައި ހުއްދަ ނޫންގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް 3 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރު ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެމީހާ އެތަނުން ނެރިފައިވާ ކަމަށެވެ.
އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހާ ރަހީނުކޮށްފައިވާ ގޭގެ ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެމީހާ އައިޖީއެމްއެޗަށް ގެންދެވި، ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިވާ ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.