ޕިރަމިޑް ސްކީމްތަކާއި އޮންލައިންކޮށް ޖުވާ ކުޅޭ ޕްލެޓްފޯމްތަކުގެ މައްސަލަ އަދި ސޯޝަލް މީޑިއާގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބަރަހަނާވުމުގެ މައްސަލައާ ގުޅިގެން ބޭއްވި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލިޖީ ކޮމެޓީގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.
ބުދަ ދުވަހުގެ 10:30 ގައި އޮތް ކޮމެޓީ އަށް ޙާޟިރު ކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސްް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އެވެ. އެ ކޮމެޓީ ސިއްރު ކުރަން ނިންމާފައި ވަނީ ފުލުހުންގެ ފަރާތުން އެދިގެންނެވެ.
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލިޖީ ކޮމެޓީ އިން އެ މައްސަލަތައް ބަލަން ނިންމީ، އެކަންކަމާ ގުޅިގެން އާންމުންގެ ޝަކުވާތަކެއް މަޖިލީހަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި އެ ތިން އިދާރާގެ ބޭފުޅުން ކޮމެޓީ އަށް ޙާޟިރު ކުރުމަށް ފަހު، މަޝްވަރާ ކުރުމަށް އޮތީ ނިންމައިފަ އެވެ.
ނަމަވެސް ބުދަ ދުވަހުގެ ކޮމެޓީ ފެށުމުގެ ކުރިން ފުލުހުންގެ ފަރާތުން ބުނެފައި ވަނީ، ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ފަރާތުން ދައްކަން ހުރި ވާހަކަތަކުގެ ސަބަބުން ކޮމެޓީ ސިއްރު ކުރުމަށް އެދޭ ކަމަށެވެ. ސަބަބަކީ އެއީ އެންމެނަށް އިނގެން ބޭނުން ނުވާ ވާހަކަތަކެއް ކަމަށްވާތީ އެވެ.
އެގޮތުން އެ ކޮމެޓީގައި، ސޯޝަލް މީޑިއާގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅާފައި ހުންނަ ފޮޓޯ އާއި ވީޑިއޯ ދައުރު ކުރުވާކުރުން ހުއްޓުވުމަށް ހުށަހެޅިފައިވާ މައްސަލަ އާއި، ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި، ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމްތަކާއި އަދި ސެކޭމް ކުރުމުގެ އެންމެހައި މައްސަލަތައް ހުއްޓުވުމާއި، އެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި، ސޯޝަލް މީޑިއާގައި އެފަދަ އަމަލު ކުރާ ފަރާތްތަކާ މެދު އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި މުއައްސަސާތަކާ ބައްދަލުކޮށް، މަޝްވަރާ ކުރުން ހިމެނެ އެވެ.