ކ. މާލެ
|
2 ޖުލައި 2025 | ބުދަ 11:14
ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވާހަކަ ދައްކަވަނީ
ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވާހަކަ ދައްކަވަނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
60 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤަބޫލު ކުރަން ޓްރަމްޕް ގޮވާލައްވައިފި
އިސްރާއީލް އިން ވަނީ 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ޝަރުތުތައް ޤަބޫލުކޮށް، އެއްބަސްވެފައި ކަމަށް ޓްރަމްޕް ވިދާޅުވި.
f

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ 60 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ހުށަހަޅާއިވާ އެއްބަސްވުން ޤަބޫލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމާސް ޖަމާއަތަށް ގޮވާލައްވައިފި އެވެ.

ޓްރަމްޕް މިހެން ގޮވާލެއްވީ އޭނާގެ ޓްރުތު ސޯޝަލް މީޑިގާއި ކުރެއްވި ޕޯސްޓެއްގަ އެވެ. އަދި ޓްރަމްޕް މިހެން ގޮވާލައްވާފައި ވަނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވަނިކޮށެވެ. 

އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ މަންދޫބުން ވަނީ އިސްރާއީލާ އެކު ގިނައިރުތަކަކަށް ދެމިގެން ދިޔަ ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކޮއްފައި ކަމަށެވެ. އަދި އިސްރާއީލް އިން ވަނީ 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ޝަރުތުތައް ޤަބޫލުކޮށް، އެއްބަސްވެފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ހަނގުރާާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި މިޞްރު އަދި ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނައިރު، އެ ދެ ޤައުމުން މިހާތަނަށް ވަރަށް ބޮޑެތި އަދި ބުރަ މަސައްކަތްތަކެއްް ކޮށްފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދެެ ޤައުމުން އެންމެ ފަހުގެ ހުށަހެޅުންތައް ރައްދު ކޮށްދޭނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ މެދު އިރުމަތީގެ ސުލްްހަވެރިކަމާއި، މެދު އިރުމަތީގެ ސަލާމަތަށްޓަކައި ހަމާސް އިން އެ ހުށަހެޅުން ޤަބޫލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ވުރެ ރަނގަޅު އެހެން ހުށަހެޅުމެއް ވެސް ނުލިބޭނެ ކަމަށާއި، އެކަމަށް އެއްބަސް ނުވެއްޖެ ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވީ ނަަމަވެސް، އަދި ވެސް އިސްރާއީލް އިން އަންނަނީ ޣައްޒާގައި ހަމަލާތައް ދީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު ވެސް އިސްރާއީލް އިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދީ، އެތައް ބަޔަކު ޝަހީދު ކޮށްލައިފަ އެވެ. 

މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޖުލައި މަހުގެ ހަތް ވަނަ ދުވަހު ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެން، ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވާނެ އެވެ. އަދި އެ ބައްދަލުވުމުގައި އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިއީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ. އަނެއްކޮޅުން މި ދުވަސް ކޮޅު ޓްރަމްޕް ގެންދަވަނީ ނަތަންޔާހޫގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ވެސް ދައްކަވަމުންނެވެ.

- ކޮމެންޓް