ބޭސް ނުލިބޭ މައްސަލައަށް ހައްލު ލިބޭނެ ދުވަހެއް ދަންނަވަން ދަތި ކަމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގަވާއިދު އޮތްގޮތުން އެސްޓީއޯއަށް ގެނެވެނީ ބޭނުންވާ ބޭހުގެ 30 އިންސައްތަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޝިމާދު ވިދާޅުވީ ބޭހުގެ ރެގިއުލޭޝަންތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއިން ގަވާއިދު ހަދާފައި އޮންނަ ގޮތުން އެއް ބޭހެއް، ދެ ކުންފުންޏަކަށް ރާއްޖެ އެތެރެ ނުކުރެވޭ ކަމަށެވެ.
އެސްޓީއޯއަށް ގެނެވެނީ ގާތްގަނޑަކަށް ބޭހުގެ 30 އިންސައްތަކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ އޭނާ ވިދާޅުވީ ޑޮކްޓަރުން ލިޔެދޭ ބޭސް ފާމަސީތަކުން ހޯދަން ދަތި ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޖެނެރިކް ބޭހެއް ލިޔެގެން އެހެން ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯ މި ގެންނަނީ މި ބޭހުގެ ގާތްގަނޑަކަށް 30 އިންސައްތަ. ރާއްޖެއަށް ބޭސް އެތެރެ ކުރަން މިއޮންނަ އުސޫލަކީ ކޮންމެވެސް އެއް ފަރާތަކުން ބޭސް ރަޖިސްޓަރ ކޮށްފިއްޔާ އެފަރާތަަށް އެކަނި އެބޭސް އެތެރެ ކުރެވޭނީ އެނގޭތޯ. އޭގައި އުޅޭ ދެ މައްސަލައެއް. ފުރަތަމަ މައްސަލައަކީ އެމްއެފްޑީއޭގެ އުސޫލުން ރާއްޖެއަށް އެތެރެކުރެވެނީ ވެސް އެފަރާތަށް އެކަނި. އަނެއްކޮޅުން ސަޕްލައި ސައިޑުން ސަޕްލައި އުސޫލުން ގިނަ ފަހަރު އެއްޕާޓީއަށް މި ހުއްދަދެނީ. ބައިވަރު އެހެން ބޭސްތައް އެބަހުރި ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓަރ ކޮށްފައި ހަމަ އެޕްރޫވްޑް ލިސްޓަރަށް އަރާނެ ރަޖިސްޓާ ކުރެވުނީމަ. ހުރެފައި އެފަރާތްތަކަށް ތަފާތު ސަބަބުތަކާހެދި އެތެރެ ނުކުރެވުނީމަ އެބޭސްތައް ޑޮކްޓަރުން ލިޔެ ދެއްވިޔަސް ފާމަސީތަކުން ނުލިބޭ މައްސަލަ. ޑޭޓެއް ދަންނަވަން އުދަނގޫ ވަނީ. އެއީ އަޅުގަނޑުމެންނަށް މިހާރު އޮންނަ ޕްރޮސަސްގެ ތެރެއިން އެތެރެ ކުރެވޭނެ ބޭސްތަކަކަށް ނުވާތީ. އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޑޮކްޓަރުންނާ ވާހަކަ ދައްކައިގެން ޖެނެރިކް ކޮށް ބޭސް ލިޔެގެން އޭގެ އޯލްޓަނޭޓިވް ބްރޭންޑެއް ހޯދަން.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް![]()
ޝިމާދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް ހަމަކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާ ކަމަށާއި، ގައުމުތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކި ގައުމުތަކާ އެކު މަސައްކަތްކޮށްގެން ވެސް އަދިވެސް އެތެރެނުކުރެވޭ 500 އަށްވުރެ ގިނަ ބޭސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރާއެކު ބޭސް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ.
އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މީގެ ކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އޭޕްރީލް މަހުގެ 15 އާއި ހަމައަށް ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މި މައްސަލައަށް ހައްލެއް ލިބިފައިނުވެއެވެ.