ރާއްޖެ އަށް 680 މިލިއަން ޑޮލަރު ނުވަތަ 10 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ރާއްޖެ އަށް ކަށަވަރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވެފައި ވަނީ ސިންގަޕޫރުގައި ކުރިއަށް ދާ މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެ އިންވެސްޓްމެންޓް ލިބިފައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓްގެ ގޮތުގައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ސައީދު ވިދާޅުވީ ފާއިތުވި 16 މަސް ދުވަހު ރާއްޖެ ދަރަނިވެރިކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި ވާނެ ކަމަށެވެ. އަމާޒަކީ މި 5 އަހަރު ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ ގެންނެވުން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގައި ސޯލާ ސިޓީގެ މަޝްރޫއުގައި ސޮއިކުރުމަކީ އެސްއީޒެޑަށް ލިބުނު ކުރިއެރުމެއް ކަަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ. 2028ގެ ނިޔަލަށް ރާއްޖޭ ޖީޑީޕީ 150 ބިލިއަނަށް އިތުރުކުރުމާއި، ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެ ފޯރަމްގައި ސޮއިކުރީ އެސްއީޒެޑް މަޝްރޫއުގެ ފުރަތަމަ އިންވެސްޓްމެންޓެވެ. މިއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.