ބ. ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އއ. އުކުޅަހު ސްކޫލަށް ބަދަލުކުރާތި ކެންދޫ ސްކޫލުގެ ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފިއެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ ބެލެނިވެރިން ނުކުމެ އިހުތިޖާޖު ކުރަމުންދަނީ އުކުޅަހު ސްކޫލުގައި ދިމާވެގެން އުޅޭ ސިޔާސީ މައްސަލަ ހައްލުކުރުމަށް ކެންދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދައި ނުދީ އުކުޅަހަށް އެ ޕްރިންސިޕަލް ބަދަލުކުރާތީ ކަމަށެވެ.
ބެލިނިވެރިޔާ ބުނީ ކެންދޫ ސްކޫލުގެ ޕްރިންސިޕަލަށް އެޑިއުކޭޝަން މިނިސްޓްރީއިން ފޮނުވި ޗިޓުގައި ބުނެފައިވަނީ އަންގާރަ ދުވަހުން ފެށިގެން ނުކުންނަންޖެހޭނެ ކަމަށެވެ. އޭނާ ބުނީ ބެލިނިވެރިން ސްކޫލުގައި އިހުތިޖާޖު ކުރަމުންދާއިރު، އެތަނުގައި ޕްރިންސިޕަލްވެސް އެބަހުރި ކަމަށާއި، އަދި ޕްރިންސިޕަލްވެސް ވަކި އެއްޗެއް ވިދާޅުނުވާ ކަމަށެވެ. އަދި ބެލިނިވެރިންގެ ޑިމާންޑަކީ ޕްރިންސިޕަލް އެ ސްކޫލުގައި ހުރުން ކަމަށާއި، އެހެން ނޫން ނަމަ އައު ޕްރިންސިޕަލެއް ވަގުތުން ހޯދަައިދިނުމަށެވެ. އަދި ކެންދޫ ސްކޫލަށް ޕްރިންސިޕަލެއް ނުހޯދާ އެރަށުގައި މިހާރު ހުރި ޕްރިންސިޕަލް ނުގެންދެވޭނެކަމަށް ބެލެނެވެރިން ވަނީ ބުނެފައެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ބައެއް އެހެން ބެލެނިވެރިން ބުނެފައިވަނީ ކެންދޫ ސްކޫލަށް ބޭނުންވަނީ މިހާރު ހުރި ޕްރިންސިޕަލް ކަމަށެވެ. އެރަށު ސްކޫލުގައި މިވަގުތު ހުރީ އިންޑިއާއަށް ނިސްބަތްވާ ޕްރިންސިޕަލެކެވެ. އަދި ޕްރިންސިޕަލް ބަދަލުކުރާނަމަ ބެލެނިވެރިން ނުކުމެ ސްކޫލް ބަންދުކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ބެލެނިވެރިން ބުނީ މިހާރު ހުރި ޕްރިންސިޕަލް ފޮނުވާލަން ބޭނުން ނުވަނީ، އޭނާ އެތަނުގެ ހިންގުމާއި ހަވާލުވިފަހުން ދަރިވަރުންގެ ނަތީޖާއަށް އެދެވޭ ހެޔޮ ބަދަލެއް ގެނެސްދީފައިވުމާއި، ސްކޫލުގެ ހިންގުން ހަރުދަނާވެފައި ވުމެވެ.
އުކުޅަހު ސްކޫލުގައި ހުރި ޕްރިންސިޕަލް މަގާމުން ދުރުކޮށްފައިވަނީ ސްކޫލް ދަރިވަރުންނާއި ގުޅުވައި ބޭއަދަބީ ވާހަކަތައް ދައްކާފައިވާ މައްސަލައިގައެވެ. އަދި އޭނާ އެހެން ރަށެއްގެ ސްކޫލަށް ބަދަލުކުރަން އުޅުމުންވެސް އެ ރަށު ބެލެނިވެރިންވެސް ވަނީ އުކުޅަހު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ގެނައުމާއި ދެކޮޅަށް އަޑުއުފުލާފައެވެ.