ބީއެމްއެލްގެ ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީ-ކޮމާސްއަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް އައު %30 ފީއެއް ނެގުމުގެ ސަބަބުން މުދާ އޮންލައިންކޮށް ގަންނައިރު ޑޮލަރު ރޭޓު ހަޤީގަތުގައި ބްލެކް މާކެޓަށްވުރެ ބޮޑުވާ ކަމަށެވެ. އަދި މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫން ކަމަށާއި މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިންގ ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލްއިން ފައިދާ ނެގުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، މިއީ އިސްލާހުގެ ބަދަލުގައި އާންމު ދިވެހި އާއިލާތަކުގެ މައްޗަށް އިޤްތިޞާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި ދުނިޔޭގެ މުދަލަށް ވާސިލް ވުމުގެ ފުރުސަތު ހަނިވާ ކަމެއް ކަމަށެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި މި ބަދަލަކީ ދިރިއުޅުމުގެ ޚަރަދުގެ ހާލަތު އިތުރަށް ގޯސްވުމަށް ހުޅުވުނު ދޮރެކެވެ.
މި ސިޔާސަތުން މައްސަލަ ހައްލެއް ނުވޭ. އާންމު ރައްޔިތުމީހާއަށްވީ ގެއްލުން
އަބްދުﷲ ޝާހިދު![]()
ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ އަންގާރަ ދުވަހުން ފެށިގެން 30 އިންސައްތަ ފީ އެއް ނެގުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމިކަން އިއުލާން ކުރެއްވީ ކުއްލި ގޮތަކަށް ހޯމަ ދުވަހު ބީއެމްއެލުން ނެރުނު ބަޔާނެއްގައެވެ.
ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ ބޮޑު ފީއެއް ބީއެމްއެލުން ނަގަން ނިންމުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރުގެ އިތުރުން ބީއެމްއެލްއަށް ވަނީ އަމާޒުވެފައެވެ. ކާޑުތަކުގެ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް ބުނެ އެ ބޭންކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.