ކ. މާލެ
|
30 ޖޫން 2025 | ހޯމަ 17:11
އިސްކަންދަރު ސްކޫލުގެ ދަރިވަރުން ތަކެއް ޕޯސްޓް އެވޯޑިންގް ސެެރެމަނީ ގައި ޕާފޯމް ކުރަނީ - 11 އޮކްޓޯބަރ 2023
އިސްކަންދަރު ސްކޫލުގެ ދަރިވަރުން ތަކެއް ޕޯސްޓް އެވޯޑިންގް ސެެރެމަނީ ގައި ޕާފޯމް ކުރަނީ - 11 އޮކްޓޯބަރ 2023
ރައީސް އޮފީސް
މިނިސްޓްރީ އޮފް އެޑިއުކޭޝަން
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
މިނިސްޓްރީން އިތުރަށް ބުނީ އެކަމަށް "ފުދޭ ވަރެއްގެ މުއްދަތު ނަގާނެ" ކަމަށް

ހުރިހާ ސްކޫލެއް ގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލު ނުކުރެވިގެން އުޅެނީ މިދިޔަ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލް އަޅާފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެކަމަށް "ފުދޭ ވަރެއްގެ މުއްދަތު ނަގާނެ" ކަމަށެވެ.

އެއް ދަންފަޅި އަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރުމަށް ބޭނުންވާ ފުދޭ ވަރެއްގެ މުއްދަތަކީ ކިހާ ދުވަހެއް ކަމެއް މިނިސްޓްރީން ބުނެފައި ނުވުމުގެ އިތުރުން މި ސަރުކާރަށް އެއް ދަންފަޅި އަށް ސްކޫލްތައް ބަދަލު ނުކުރުވިގެން އުޅޭ އުޅުން ވެސް ކުރީ ސަރުކާރުގެ ބޮލުގައި ވަނީ އަޅުވާފައެވެ.

މިނިސްޓްރީން މިހެން ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ފަރާތަކުން މިނިސްޓްރީގައި ކުރި ސުވާލަކަށް ލިޔުމުން ފޮނުވި ޖަވާބުގައެވެ.

ސުވާލު ކުރި ފަރާތުން އަހާފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލު ކޮށް ނިމޭނެ ކަމަށް ލަފާ ކުރެވެނީ ކިހާ ހިސާބެއްގައި ތޯއެވެ.

"ދިވެހި ރާއްޖެ އަކީ ރަށްތަކެއްގެ މައްޗަށް އެކުލެވި މީހުން އާބާދުވެ، އަދި އެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލު ވުމުގެ ހާލަތު އޮތުމާއި އަދި މާލެ އަށް މީހުން ހިޖުރަ ކުރުމުގެ ސަގާފަތެއް އޮތް ހިނދު މާލެ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީ އަށް ބަލައި، ވޭތުވެ ދިޔަ ސަރުކާރުން އެކަށީގެން ވާ މިންވަރަށް ސްކޫލުތައް އިމާރާތް ކޮށްފައި ނުވާތީ ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅި އަށް ބަދަލު ކޮށް ނިންމުމަށް ފުދޭ ވަރެއްގެ މުއްދަތެއް ނަގާނެ ކަމުގައި ދަންނަވަމެވެ." މިނިސްޓްރީން ދިން ޖަވާބުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަދިވެސް އެއްދަންފަޅި އަށް ބަދަލު ނުކުރެވި 54 ސްކޫލް ރާއްޖޭ ގައި ހުރި ކަމަށެވެ.

- ކޮމެންޓް