ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ބައިނަލްއަގުވާމީ ޕާލިމެންޓެރިޒަމް ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ ޑިމޮކްރަސީ ދެމެހެއްޓުމަށާއި ހެޔޮވެރިކަން ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
މި ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި މެސެޖުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމާއި ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީސްތަކާ މަތިކުރެވިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަން އެ މަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
މީގެ އިތުރުން ގާނޫނުހަދާ މަޖިލީސްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު ދަށްވުމަކީ ރާއްޖޭގައި ވެސް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑު މައްސަލައެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައި ވަނީ، ޤާނޫނުހަދާ މަޖިލީސްތައް ހަރުދަނާ ކުރުމަށް އެކަށައަޅާފައިވާ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަގުސަދުގައި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމު އައު ކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
ރައީސް މުއިއްޒު މިމޭރުން ވާހަކަފުޅު ދެއްކެވި ނަމަވެސް އެމަނިކުފާނުގެ އަމިއްލަ ކެބިނެޓުގައި ވެސް އަންހެނުންގެ ދައުރުވަރަށް ކުޑައެވެ. މުޅި ކެބިނެޓުގައި ވެސް ތިއްބަވަނީ އަންހެން ދެ މިނިސްޓަރުންނެވެ. އެއީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ އެވެ.