އީރާނާ އެކު އެއްވެސް މަޝްވަރާ ކުރުންތަކެއް ކުރިއަށް ނުދާ ކަމަށާއި، އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ އީރާނާ އެކު އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، އެއްވެސް އެހީތެރިކަމެއް ވެސް އީރާނަށް ނުދޭނެ ކަމަށެވެ. އަދި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާ އިން ދިން ހަމަލާގައި އެ ތަންތަން މުޅިން ނައްތާލެވިފައިވާ ކަމަަށް މީގެ ކުރިން ވިދާޅުވެފައިވާ ވިދާޅުވުން، ހޯމަ ދުވަހު ވެސް ޓްރަމްޕް ވަނީ ތަކާރާރު ކުރައްވައިފަ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އީރާންގެ މަދަނީ ނިއުކްލިއާ ޕްރޮގްރާމަށް އެމެރިކާ އިން 30 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
މީގެ ކުރިން ހުކުރު ދުވަހު ވެސް ޓްރަމްޕް ވަނީ އެ ވާހަކަތައް ދޮގު ކުރައްވައި، އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާ އާއި އީރާންގެ ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕްގެ މި ވާހަކަތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް ވެސް ސިޔާސީ މާހިރުން ވަނީ ލަފާ ކޮށްފަ އެވެ.
އިސްރާއީލް އިން އީރާންގެ ނިއުކްލިއަރ މަރުކަޒު ތަކަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން، އިސްރާއީލާއި އީރާނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށުނެވެ. ދެ ޤައުމުގެ ދެ މެދުގައި ހަމަލާތައް ބަދަލު ކުރުން ކުރިއަށް ދަނިކޮށް، އެމެރިކާ އިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ. އޭގެ ބަދަލެއްގެ ގޮތުން އީރާން އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަަށް ހަމަލާ ދީފަ އެވެ.
އޭގެ ފަހުން އެމެރިކާ އިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހުށަހަޅައި، ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި އީރާނާ އެކު އެއްބަސްވެފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް އެންމެ ބޮޑަށް ބާރު އެޅީ ވެސް އެމެރިކާގެ ރައީސް ޓްރަމްޕެވެ.