ސާބިއާގެ ބެލްގްރޭޑްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ފަރާތްތަކާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
މުޒާހަރާ ކުރާ މީހުން ވަނީ އަވަސް އިންތިޚާބަކަށް ގޮވާލައިފައެވެ. އަދި ރައީސް އަލެކްސަންޑަރ ވުޖިޗް ގެ 12 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.
ހޮނިހިރު ދުވަހު އެ ސިޓީގައި 140،000 އާ ގާތްކުރާ އަދަދެއްގެ މީހުން މުޒާހަރާގައި ބައިވެރިވެފައިވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މުޒާހަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދަރިވަރުން އިސްނަގައިގެން ކުރަމުންދާ މުޒާހަރާތަކުން ޕޮޕިއުލިސްޓް ސަރުކާރަށް ޕްރެޝަރު ބޮޑު ވެފައިވެއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިންތިޚާބު!" މުޒާހަރާކުރި މީހުން ގޮވަމުން ދިޔައެވެ.
ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވުނެވެ. އަދި ރައިޓް ފުލުހުން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކުރި މަންޒަރު ފެނިގެން ދިޔައެވެ.
ރައީސް ވުޖިޗް ވަނީ އިންތިޚާބަކަށް ގޮވާލާ މުޒާހަރާކުރާ މީހުންނަކީ އޭނާގެ ޤައުމު އަނދަވަޅަކަށް ވައްޓާލަން މަސައްކަތްކުރާ ބޭރުގެ ރޭވުމެއްގެ ދަށުން މަސައްކަތް ކުރާ ބައެއް ކަމަށް ތުހުމަތުކޮށްފައެވެ. "އެމީހުން ބޭނުންވީ ސާބިއާ ވައްޓާލަން، އެކަމަކު އެމީހުން ނާކާމިޔާބުވެއްޖެ،" އޭނާ އިންސްޓަގްރާމްގައި ލިޔުއްވާފައި ވެއެވެ.
ހުކުރު ދުވަހު ފަސް މީހަކު ހައްޔަރުކުރެވުނެވެ. ބެލްގްރޭޑްގެ މަތީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ފަސް މީހުން ހައްޔަރު ކުރެވުނީ ސަރުކާރު ވައްޓާލަން ރޭވި ކަމަށް ތުހުމަތު ކުރެވިގެންނެވެ.
މުޒާހަރާކުރި މީހުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކަށް ފަހު، ފުލުހުންނާ ބެހޭ މިނިސްޓަރު ވަނީ މުޒާހަރާ ކުރި މީހުންގެ އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް، އެކަމުގައި ޒިންމާވާ ފަރާތްތައް ހައްޔަރު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މުޅި ޤައުމުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ ތައް އެތަކެއް މަސް ދުވަހަށް ދެމިގެން ގޮސްފައި ވާއިރު، ޔުނިވަރސިޓީތައް ބަންދު ކުރުން ފަދަ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ.
މިހާރު ހުންނެވި ރައީސް ގެ ދެވަނަ ދައުރު ނިމޭނީ 2027 ގައެވެ. އަދި އެ އަހަރު ޕާލިމެންޓްރީ އިންތިޚާބުވެސް އޮންނާނެއެވެ.
ރައީސް ވުޖިޗް ވަނީ އަވަސް އިންތިޚާބަކަށް ދިއުމަށް އިންކާރު ކުރައްވާފައެވެ. އޭނާގެ ޕްރޮގްރެސިވް ޕާޓީ އިސްވެ އޮންނަ އިއްތިހާދަށް ޕާލިމެންޓްގެ 250 ގޮނޑިން 156 ގޮނޑި ލިބިފައިވެއެވެ.
ރައީސް ވުޖިޗް ގެ ދެކޮޅުވެރިން ތުހުމަތުކުރާ ގޮތުގައި އޭނާ އާއި އޭނާގެ ބައިވެރިންނަކީ ކުށްކުރާ ޖަމާޢަތްތަކާއި ގުޅުން އޮތް، ކޮރަޕްޝަނާއި، ވާދަވެރިންނަށް އަނިޔާ ކުރުމާއި، މީޑިއާގެ މިނިވަންކަން ހަނިކުރުމުގައި ބައިވެރިވާ ބައެކެވެ. ނަމަވެސް އެމީހުން މި ތުހުމަތުތައް ދޮގުކުރެއެވެ.