ދިވެހި ސަރުކާރުން ކޮންޓްރެކްޓަރުންނަށާއި، އަމިއްލަ ހޮސްޕިޓަލް ތަކަށާއި، މަސްވެރިކަމާ ގުޅުންހުރި ވިޔަފާރި ތަކަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ލަސްކުރާކަން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ފާހަގަ ކޮށްފިއެވެ.
މިކަން މިހެން އޮތް އިރު އަމިއްލަ ފަރާތްތަކަށް ނުދައްކާ ހުރީ ކިހާ ފައިސާ އެއް ކަމެއް ސާފު ނުވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ވޯލްޑް ބޭންކުގެ މި ރިޕޯޓުގައި، ގިނަ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މާލީ ހަމަޖެހުމަށް ނުރައްކާ ވަމުން ދަނީ މާލީ ދާއިރާގައި ދެފުށް ފެނުން ކުޑަ ކަމުން ކަމަށް ބުނެފައިވެއެވެ. މި ގޮތުން އަޑި ނޭނގޭ ދަރަނީގެ އާދަތަކުގެ ސަބަބުން، ކުރިމަގުގައި ކުރިމަތި ވެދާނެ ހީނަރުކަން ކުޑަކުރުމަށް ޓަކައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
"ރެޑިކަލް [ޑެޓް] ޓްރާންސްޕޭރަންސީ" ގެ ނަމުގައި ނެރެފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، 2021 އިން ފެށިގެން ސަރުކާރުތަކުން ޖުމްލަ ދަރަނީގެ މިންވަރު ރިޕޯޓު ކުރުން ރަނގަޅުވެފައި ވީ ނަމަވެސް، ޚާއްޞަކޮށް ބަޖެޓުން ބޭރުން ފައިސާ ހޯދުމުގަ އާއި، ރަހުނު ކޮށްގެން ލޯނު ނެގުމުގަ އާއި، އަދި އެތެރޭގެ ދަރަނީ ގެ ކަންކަން ހާމަ ކުރުމުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ކަމުގައެވެ.
މި ރިޕޯޓުގައި، 2023 ވަނަ އަހަރު އިންޑިއާގެ ރިޒަރވް ބޭންކުން ރާއްޖެ އިން ހޯދާފައިވާ ދެ 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ނޯޓްސް އަނބުރާ ދެއްކުން އިންޑިއާ އިން އެއް އަހަރުގެ މުއްދަތު އިތުރު ކޮށްދީފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް، އިންޓަރެސްޓް ރޭޓްތައް ފަދަ މުހިންމު މަޢުލޫމާތުތައް ހާމަކޮށްފައި ނުވާތީ، ދެ ޤައުމުގެ ދެމެދުގައި ވެވޭ މިފަދަ މާލީ އެއްބަސްވުން ތަކުގެ ހާމަ ކަން އޮތް މިންވަރާ މެދު ރިޕޯޓުގައި ސުވާލު އުފައްދާފައިވެއެވެ.
އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތައް ދެމުން ނުދާތީ އަދި އެކަމުގައި އިންތިހާ އަށް ލަސްކުރުމުން ގެންދާތީ ވިޔަފާރިތަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ވިޔަފާރިތަކުން އަންނަނީ ބުނަމުންނެވެ.
މި ކަމުގެ ސަބަބުން ވިޔަފާރިތައް ހީނަރުވެ ބައެއް ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަން ފާހަގަ ކުރެވޭ އިރު، މި އަހަރުގެ މާޗް މަހު ވޯލްޑް ބޭންކުން ހަދާފައިވާ "ޖޮއިންޓް ބޭންކް ފަންޑެޑް ޑެޓް ސަސްޓެނައިބިލިޓީ އެނޭލިސިސް" ގައި މާލީ ސިޔާސަތުތައް އިސްލާހު ކުރާނެ ކަމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެ އެނޭލިސިސް ގައި މުހިންމު މާލީ ސިޔާސަތު ތަކަށް ބަދަލު ނުގެނެސް، ބޭރުގެ ދަރަންޏާއި ޖުމްލަ ދަރަނީގެ ނުރައްކާ މަތީ ދަރަޖައެއްގައި ދެމިއޮންނާނެ ކަމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ.
ދަރަނީގެ ނިސްބަތް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތްތަކުން އަމިއްލަ މާލީ އިސްލާހީ އެޖެންޑާއެއް އެކުލަވާލުމަށް މުހިންމު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ މިހާރު ދެމުންދާ ސަބްސިޑީތައް މަރުހަލާތަ ކަކަށް ބަހާލައިގެން ހުއްޓާލުމާއި، އޭގެ ބަދަލުގައި ވަކި ފަރާތްތަކަކަށް ޓާގެޓް ކޮށްގެން އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އާސަންދަ އިސްލާހު ކުރުމާއި، ސަރުކާރުގެ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ހިންގުމުގައި އިސްކަންދޭ މަޝްރޫއުތައް ޚިޔާރު ކުރުން ހަރުދަނާކުރުމާއި، އަދި ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ އިސްލާހު ކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ވޯލްޑް ބޭންކް އާ އެކު ކުރެވުނު މަޝްވަރާ ތަކުގައި މި ކަންކަން އަވަހަށް ތަންފީޒުކުރުމަށް އެއްބަސްވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
އެހެން ނަމަވެސް އޭގެ ފަހުން 3 މަސް ދުވަސް ފާއިތު ވެގެން ދިޔަ އިރުވެސް ސަރުކާރުން މާލީ ދާއިރާ އިސްލާހު ކުރުމަށް އެއްބަސްވި އެއްވެސް ކަމެއް ހިނގާކަމެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.
ސަރުކާރުގެ ޚަރަދުތައް މައްޗަށް ދާއިރު އެއްވެސް ޒިންމާ އެއް އަދާ ކުރަން ނުޖެހޭ ގޮތައް ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކަށާއި، ކުންފުނިތަކުގެ ވަޒީފާ ތަކަށް އަދިވެސް ސަރުކާރުން ދަނީ މީހުން ނަގަމުންނެވެ.