ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މި ޖޫން މަހުގެ 29 ން އަންނަ ޖުލައި މަހުގެ 2 ށެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ، ސިންގަޕޫރާ ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން، ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.