އިސްރާއީލް އިން އީރާންގެ އީވިން ޖަލަށް އަމާޒުކޮށް ދިން ހަމަލާގައި 71 މީހަކު ޝަހީދުވެފައިވާ ކަމަށް ހާމަކޮށްފި އެވެ.
އެކަން ހާމަކޮށްފައި ވަނީ އީރާންގެ ޖުޑިޝަރީގެ ތަރުޖަމާނު އަސްޣަރު ޖަހަންގިރު އެވެ. އޭނާ ވިދާޅުވެފައި ވަނީ އީރާންގެ ވެރި ރަށް ތެހެރާންގައި ހުންނަ އީވިން ޖަލަށް އަމާޒުކޮށް އިސްރާއީލް އިން ދީފައިވާ ހަަމާލަގައި ޝަހީދުވެފައިވާ މީހުންގެ އަދަދު އިތުރު ވެފައިވާ ކަމަށެވެ.
ޖުޑިޝަރީގެ ނޫސް އައުޓްލެޓް މިޒާންގައި އޭނާ ޝާއިއު ކުރި ބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ހަމަލާގައި ޝަހީދުވީ މީހުންގެ ތެރޭގައި ހިމެނެނީ އެ ޖަލުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި، އަސްކަރިއްޔާގައި ޚިދުމަތް ކުރަމުން އައި ޒުވާނުންނާއި، ޖަލުގައި ބަންދުކޮށްފައިވާ މީހުންނާއި، ބަންދުގައި ތިބި މީހުންނާ ބައްދަލު ކުރަން އައި މީހުންގެ އިތުރުން، ޖަލު ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުން އައި އާންމު ރައްޔިތުންނެވެ.
މީގެ އިތުރުން ބަންދުގައި ތިބި މީހުންނާ ބައްދަލު ކުރަން ޙާޟިރުވާ އާއިލާގެ މެމްބަރުން، ބައްދަލުވުންތައް ކުރިއަށް ގެންދާ ހޯލަކަށް އަމާޒުކޮށް ވެސް އިސްރާއީލް އިން ހަމަލާ ދީފައިވާ ކަމަށް އެ ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.
އީވިން ޖަލަށް އަމާޒުކޮށް އިސްރާއީލް އިން ދީފައިވާ ހަމަލާއާ ގުޅޭ ގޮތުން އދ ގެ އިންސާނީ ހައްގުތަކުގެ ތަރުޖަމާނު ތަމީމް އަލް ހީތަން ވިދާޅުވެފައި ވަނީ އެއީ ބައިނަލްއަޤުވާމީ އިންސާނިއްޔަތުގެ ޤާނޫނާ ޚިލާފަށް ހިންގާފައިވާ އަމަލެއް ނުވަތަ ދީފައިވާ ހަމަލާއެއް ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި ސީދާ ގޮތެއްގައި އިސްރާއީލްގެ ނަން ހިމަނާފައި ނުވެ އެވެ.