އިސްރާއީލުން އީރާނަށް 12 ދުވަހުގެ މުއްދަތަކަށް ދިން ހަމަލާތަކުގައި އީރާނުން ޝަހީދުވި ފަރާތްތަކުގެ ޖަނާޒާ ބާއްވައިފިއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި 60 ނިއުކްލިއަރ ސައިންޓިސްޓުންނާއި، އަސްކަރީ ވެރިންނާއި އަދި އާންމު ރައްޔިތުންގެ ޖަނާޒާ ފެށުނީ ހޮނިހިރު ދުވަހު ހެނދުނު އީރާނު ގަޑީން 8:00 ގައި އިންޤިލާބު މައިދާނުގައެވެ. ހަމަލާތަކުގައި ޝަހީދުވި މީހުންގެ ސަންދޯއްތައް އުފުލި ޚާއްސަ އުޅަނދުތައް އިންގިލާބީ މައިދާނާ ގާތްގަނޑަކަށް 11 ކިލޯމީޓަރު ދުރުގައިވާ އާޒާދީ މައިދާނަށް ދަތުރުކުރިއެވެ.
އީރާނުގެ ދިދަ ހިފައިގެން ކަޅު ހެދުމުގައި ޖަނާޒާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ވަނީ "އިސްރާއީލަށް މަރު" އަދި "އެމެރިކާ އަށް މަރު" ގެ ޝިޢާރުތައް ގޮވަމުން، ބޯޑުތައް ހިފައިގެން ހިނގާފައެވެ.
ޖަނާޒާގެ ތެރޭގައި ހިމެނުނު ބެނަރ ތަކުގެ ތެރެއިން ބެނަރ އެއް ގައި "ބޫމް ބޫމް ތެލް އަވީވް" ލިޔެފައިވެއެވެ. މިއީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލަށް އީރާނުން ދިން މިސައިލް ހަމަލާތަކަށް އިޝާރާތް ކޮށްފައިވާ ބެނަރ އެއް ކަމަށް އީރާނުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ހަނގުރާމައިގައި އަވަހާރަ ކޮށްލި ކަމަށް އިސްރާއީލުން ބުނި ޤުދުސް ބާރުގެ އިސްވެރިޔާ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޣަނީ ފަދަ އަސްކަރީ އިސްވެރިން ވެސް ޖަނާޒާ ގައި ބައިވެރިވިއެވެ.
ޖަނާޒާގައި ބައިވެރިވި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝަހީދުންނަށް ތަޢުރީފުކޮށް މެސެޖެއް ޕޯސްޓް ކުރައްވާފައެވެ.
އޭނާގެ މެސެޖުގައި "ނުހަނު އިޙްތިރާމާއެކު، އެމީހުންގެ ވަޠަނުގެ ބިމުގައި ބަޠަލުންގެ ގޮތުގައި ޝަހީދުވި މީހުން ވަޅުލަމުން ދާއިރު، އެއިން ކޮންމެ މީހަކީ އިތުރު ބަޠަލުން އުފެދުމަށް އިންދާ އޮށެއް ކަމުގައި ވެގެން ދާނެ،" ކަމަށް ވިދާޅުވެފައިވެއެވެ.
މަންޒަރުތަކުން ފެންނަ ގޮތުގައި، އީރާނުގެ ގައުމީ ދިދައިގެ ފަސްމަންޒަރުގައި ޝަހީދުވި ކޮމާންޑަރުން ރަސްމީ ޔުނީފޯމު ގައި ތިބޭ ކުރެހުންތަކުގެ ބޮޑެތި ޕޯސްޓަރުތައް ތެހެރާނުގެ މެެދުތެރޭގައިވާ މަޝްހޫރު އިންޤިލާބު މައިދާނުގެ ކައިރީގައި ބަހައްޓާފައި ހުއްޓެވެ.
އިސްރާއީލުން ހަމަލާ ދީ ޝަހީދު ކޮށްލި އިސް ފަރާތްތަކުގެ ތެރޭގައި މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ ހިމެނެއެވެ. އޭނާ އަކީ އިސްލާމީ އިންޤިލާބުގެ ސުޕްރީމް ލީޑަރު އާޔަތު ﷲ ސައްޔިދު ޢަލީ ޚާމަނާއީ އަށް ފަހު ހަތިޔާރުއެޅި ބާރުތަކުގެ ދެވަނަ އަށް އެންމެ އިސް މަޤާމުގައި ހުރި ފަރާތެވެ.
އޭނާ އަވަހާރަ ކޮށްލީ އަނބިކަނބަލުންނާއި ދަރިކަލުންނާ ވެސް އެކުގައެވެ.
ނިއުކްލިއަރ ސައިންޓިސްޓު މުޙައްމަދު މެހްދީ ތެހެރާންޗީ އަށް ދިން ހަމަލާގައި އޭނާގެ އަނބިކަނބަލުން ވެސް ވަނީ ނިޔާވެފައެވެ.
އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެންމެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް ޙުސައިން ސަލާމީ ވެސް ވަނީ މި ހަމަލާތަކުގެ ފުރަތަމަ ދުވަހު ޝަހީދުވެފައެވެ.
The funeral in capital Tehran for 60 nuclear scientists, military commanders and civilians martyred in Israeli strikes began at 8:00 am in Enqelab Square on Saturday, proceeding to Azadi Square, about 11 kilometers across the sprawling metropolis.
— Press TV 🔻 (@PressTV) June 28, 2025
Follow https://t.co/B3zXG73Jym pic.twitter.com/gXrDyKHQK4
އީރާނުގެ އޮފިޝަލުން ބުނާގޮތުގައި އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި 600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވެއެވެ. މީގެ ތެރެއިން ގިނައީ އާންމު ރައްޔިތުންނެވެ.