އެމެރިކާ އަދި އިސްރާއީލުން އެންމެ ފަހުން ދިން ބޮމް ހަމަލާތަކުގައި އެ ޤައުމުގެ ނިއުކްލިއަރ ސައިޓުތަކަށް "އިންތިހާއަށް ބޮޑު އަދި ސީރިއަސް" ގެއްލުން ލިބިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އަބްބާސް އަރަޤްޗީ ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ ބްރޯޑްކާސްޓަރަކަށް ވިދާޅުވެފައިވަނީ އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނުން ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް، އޭގެ ގަޑިއިރުތަކެއް ކުރިން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއި ވިދާޅުވެފައިވަނީ މި ހަމަލާތަކުން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހުރަހެއް ނޭޅޭ ކަމަށެވެ. ޚާމަނާއީ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އިން އެޅި ބޮން ތަކުން "ތިން ނިއުކްލިއަރ ސައިޓެއް މުޅިން ފަނާކޮށްލައިފި" ކަމަށް ވިދާޅުވުމުން އެކަމަށް ދެއްވި ރައްދެއްގެ ގޮތުގައި ބެލެވެއެވެ.
ޚާމަނާއީ ވިދާޅުވެފައިވަނީ އެމެރިކާގެ ހަމަލާތަކުން "އެއްވެސް މުހިންމު ކަމެއް ހާސިލުކުރެވިފައެއް" ނުވާ ކަމަށެވެ.
އީރާނުގެ އެންމެ މަތީ މަތީ ލީޑަރު، ވިދާޅުވެފައިވަނީ ޓްރަމްޕް އެޅުއްވި ބޮން ތަކުގެ އަސަރު "މާބޮޑުކޮށް ނުދައްކާ" ކަމަށާއި، އެމެރިކާ އަދި އިސްރާއީލުގެ މައްޗަށް އީރާނުން ކާމިޔާބު ހޯދައިފި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އަރަޤްޗީގެ ބަސްފުޅުތަކުން ދޭހަވަނީ ތަފާތު މަންޒަރެކެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ އެމެރިކާ އާއެކު ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. އިސްރާއީލުން ހަމަލާތައް ފެށުމާއެކު އީރާނުން ވަނީ ހަވަނަ ބުރުގެ މަޝްވަރާތައް ކެންސަލް ކޮށްފައެވެ.
"އަޅުގަނޑު ސާފުކޮށް ދަންނަވާލަން ބޭނުންވަނީ އާ މަޝްވަރާތަކެއް ފެށުމަށް އެއްވެސް އެއްބަސްވުމެއް، އިންތިޒާމެއް ނުވަތަ ވާހަކަ އެއް ދެކެވިފައެއް ނުވާ ކަމަށެވެ،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން ދަނީ "އީރާނުގެ ރައްޔިތުންގެ މަސްލަހަތު" އޮތް ގޮތް ބަލަމުން ކަމަށާއި، ޑިޕްލޮމަސީ އަށް އަމަލުކުރާނެ ގޮތް "އައު ސިފައެއް" ގެންނަވާނެ ކަމަށެވެ.
އީރާނު އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި، ޓްރަމްޕްގެ އިދާރާ އިން ވަނީ އީރާނަށް 30 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ގަސްދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.. މިއީ މަދަނީ ބޭނުމަށް ހަކަތަ އުފައްދާ ނިއުކްލިއަރ ޕްރޮގްރާމެއް ޤާއިމުކުރުމަށް ކަމަށް އެމެރިކާ އިން ބުނެއެވެ. މީގެ އިތުރުން ދަތިތައް ލުއިކޮށްދީ، ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރުގެ ފައިސާ ދޫކޮށްލުމަށްވެސް އެމެރިކާ އިން ވިސްނާފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައި ވެއެވެ.
ބުދަ ދުވަހު، އީރާނުގެ ޕާލަމެންޓުން ވަނީ ދުނިޔޭގެ ނިއުކްލިއަރ ވޮޗްޑޯގް ކަމުގައިވާ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އާއެކު އެއްބާރުލުން ހުއްޓާލުމުގެ ބިލެއް ފާސްކޮށްފައެވެ. މި ބިލު ތަންފީޒު ކޮށްފި ނަމަ، އޭގެ މާނައަކީ އީރާނުގެ ސައިޓުތަކަށް ނިއުކްލިއަރ އިންސްޕެކްޓަރުން ވަނުމުގެ ދޮރު ބަންދު ވުމެވެ.
އީރާނުން އަބަދުވެސް ބުނަމުން އައިސްފައިވަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް އަމާޒުކޮށްފައިވާ އެއްޗެއް ކަމަށެވެ.
އެމެރިކާ މި ހަނގުރާމައިގައި ސީދާ ބައިވެރިވީ ފާއިތުވި ހަފްތާ ބަންދުގައެވެ. އެގޮތުން ފޯރްދޯ، ނަޠަންޒް އަދި އިސްފަހާންގެ ވަސީލަތްތަކަށް ހަމަލާދިނެވެ. އޭގެ ފަހުން ޓްރަމްޕް އަވަސްވެވަޑައިގަތީ އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓުވުމަށް މެދުވެރިވާށެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތް ވިދާޅުވެފައިވަނީ އެމެރިކާ އަދި އިސްރާއީލުން އެއްކުރި އިންޓެލިޖެންސް އިން ދައްކާ ގޮތުގައި މި ހަމަލާތަކުން "ނިއުކްލިއަރ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ" ކަމަށާއި، "އަހަރު ތަކަކަށް ފަހަތައް ޖައްސާލާފައިވާ" ކަމަށެވެ.
ލީކުވެފައިވާ ޕެންޓަގަންގެ ފުރަތަމަ އެސެސްމަންޓެއްގައި ގެއްލުން މާ ބޮޑު ނޫން ކަމަށް ދައްކާފައިވެއެވެ. އަދި ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފަހަތައް ޖައްސާލެވިފައިވަނީ އެންމެ މަހެއްގެ މުއްދަތަށް ކަމަށެވެ.
އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ 12 ދުވަހުގެ ވައިގެ ހަމަލާތަކުގައި 610 މީހުން އީރާނުން މަރުވެފައިވެއެވެ. އަދި އިސްރާއީލުގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުގައި 28 މީހުން މަރުވެފައިވެއެވެ.