ކ. މާލެ
|
27 ޖޫން 2025 | ހުކުރު 19:07
ރާއްޖެއެމްވީއަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީއަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީ
ސަރުކާރުގެ އުދަނގޫ ރައްޔިތުންނަށް
ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ދުއްދުރާލަކަށްވެފައިވާ ސަރުކާރެއް: މެންބަރު ފަލާހު
ރައްޔިތުންގެ ހާލަތާއި، ވިސްނުމާއި، ރައްޔިތުންގެ ދިރިއުޅުމާ ދޭތެރޭގައި ވިސްނާ ޕާޓީއަކަށް އޮތީ ހަމައެކަނި އެމްޑީޕީ
މި ސަރުކާރުން ސަލާން ޖެހުމުގެ ސަގާފަތް ދިރުވުމަށް ދަނީ މަސައްކަތް ކުރަމުން
އެމްޑީޕީގެ މަސައްކަތުގައި ރައްޔިތުން ބައިވެރިވެ ގުޅިގެން މަސައްކަތް ކުރަންޖެހޭ

ދިވެހިރާއްޖޭގައި އުފެދުނު ސަރުކާރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ދުއްދުރާލަކަށްވެފައިވާ ސަރުކާރެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނެގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް މެންބަރު ފަލާހު ވިދާޅުވީ އެމްޑީޕީއަށް 20 އަހަރުވެފައިވާއިރު، ރާއްޖޭގައި ދެ ފަހަރު އެމްޑީޕީން ވެރިކަން ކޮށްފައިވާ ކަމަށާއި، އެހެން ވެރިކަންތަކާއި، އެމްޑީޕީގެ ތަފާތު ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހާލަތާއި، ވިސްނުމާއި، ރައްޔިތުންގެ ދިރިއުޅުމާ ދޭތެރޭގައި ވިސްނާ ޕާޓީއަކަށް އޮތީ ހަމައެކަނި އެމްޑީޕީ ކަމަށެވެ.

ރައްޔިތުންނަށް މަންފާވާ ކަމެއް ނުވަތަ މަންފާވާ އެއްޗެއް ދީފައިވަނީ އެމްޑީޕީގެ ސަރުކާރުންކަން ފާހަގަކޮށް މެންބަރު ފަލާހު ވިދާޅުވީ އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން އެކަން ކޮށްފައިނުވާ ކަމަށެވެ. މިހާރުގެ ޕީއެންސީގެ ވެރިކަމުގައި ހުރިހާ ކަމެއް އަދި ހުރިހާ ހައްގުތަކެއް ވެސް ފަނާވަމުންދާ ކަމަށާއި، ސަލާން ޖެހުމުގެ ސަގާފަތް ދިރުވުމަށް މަސައްކަތް ކުރާ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.

މެންބަރު ފަލާހު ވިދާޅުވީ ހުރިހާ ކަމެއްގައި ރައްޔިތުންނަށް ދަތިވެފައިވާ ކަމަށާއި، ރާއްޖޭގެ މިދިޔަ 50 އަހަރުގެ ތެރޭގައި ރައްޔިތުންނަށް މިހައި އުދަނގޫކޮށް، ދަތިކުރި ސަރުކާރެއް އައިސްފައިނުވާ ކަމަށެވެ.

މިހާރު މިއޮތީ އަނެއްކާ ވެސް ބޭސްސިޓީއަށް ސަލާން ޖަހަންޖެހިފައި. ފޮތް ފަންސޫރަށް ސަލާން ޖަހަންޖެހިފައި. އެހާލަތަށް މިރާއްޖެ ވައްޓާލާއިރުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ވިސްނަންޖެހޭނެ. ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި ވިސްނީ ކޮން ޕާޓީއަކުންތޯ. އެއީ އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން އޮތީ. އަޅުގަނޑުމެން މިއޮތީ މިހާރު މިއޮތް ސަރުކާރުގެ ކިބައިން ސަލާމަތްވާންޖެހިފައި. ވަރަށް މަސައްކަތް ކުރަންޖެހޭ. ވަރަށް ބޮޑެތި ކަންކަން ރާއްޖޭގައި ރައްޔިތުންނަށް ވަރަށް ބޮޑެތި އުދަނގޫތަކާއި ތަކުލީފުތައް ޖައްސަވަމުން މިދަނީ. އެހެންވީމަ އޭގެން ސަލާމަތްވުމަށްޓަކައި އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ނުކުމެ މަސައްކަތްކުރަންޖެހޭ. އެހެންނޫނިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލު ވަރަށް ބަނަވާނެ. ބައްލަވާ މިހާރު ޑޮލަރުގެ އަގު މިހާރު އެހުރީ އިންތިހާއަށް ގޮސްފައި. ވިދާޅުވަމުންދިޔަ ޑޮލަރު ނާރާނޭ މައްޗަށް. ވީހާ ވަރަށް ދުވަހުން ދުވަހަށް މައްޗަށް ދަނީ. މިހާރު 20 ރުފިޔާއަށް ވުރެ މައްޗަށް ދިޔައީ ޑޮލަރުގެ އަގު އެނގޭތޯ. އެހެންވީމަ ރާއްޖޭގައި އުފެދިފައި އޮތް ސަރުކާރު މިއީ ފަހަކަށް އައިސްފައި ރައްޔިތުންނަށް ވަރަށް ބޮޑު ދުށްތުރާއަކަށްވެފައިވާ ސަރުކާރެއް.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

އެމްޑީޕީއަށް އިޝާރާތްކޮށް މެންބަރު ފަލާހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަރަކާތުގައި ކޮންމެ މީހަކަށް ބައިވެރިވެ އެމީހަކަށް ފެންނަ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ހޯދައިދެވިފައިވާ ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މެނިފެސްޓޯއާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތައް ހިމަނައި، މެނިފެސްޓޯގެ ދަށުން އެންމެ ފުރަތަމަ މަސައްކަތްކުރީ އެ ޕާޓީން ކަމަށެވެ. އަދި އެ މަސައްކަތުގައި ރައްޔިތުން ބައިވެރިވެ ގުޅިގެން މަސައްކަތް ކުރުމަށް މެންބަރު ފަލާހު ގޮވާލެއްވިއެވެ.

- ކޮމެންޓް