ކ. މާލެ
|
27 ޖޫން 2025 | ހުކުރު 13:33
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން
ުހުކުރު ޚުތުބާ
ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް: ޚުތުބާ
މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް
ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރަންޖެހޭ
އާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފަނުވޭ

މުހައްރަމް މަހަކީ، މާތް ﷲ ހުރްމަތްތެރި ކުރައްވައިފައިވާ މަހެއް ކަމަށާއި، ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އާޝޫރާ ދުވަހުގެ މާތްކަން'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ފިރުއައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރެއްވި ދުވަސް ވަރަށް ތަފްސީލު ކޮށް ކިޔައިދީފައެވެ.

ޚުތުބާގައި ބުނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ އާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި އާޝޫރާ ދުވަހަކީ، ފިރުއައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުއައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ އަރަގުކުރެއްވި ދުވަސް ކަމަށެވެ.

ޚުތުބާގައި ބުނީ މި ފަދަ ހާދިސާތަކުގައި، ގިނަގުނަ އިބުރަތްތަކާއި ދަރުސްތައްވާ ކަމަށާއި، މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށެވެ.

''ބަނީ އިސްރާއީލު ބާގައި މީހުން ސިއްރިއްޔާތުގައި މިސްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅީން ނައްތައިލުމަށް ޓަކައި ނުކުތެވެ. مُوْسَىގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން مُوْسَىގެފާނަށް ދެންނެވިއެވެ. މާނައީ: "ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، مُوْسَىގެފާނު ވިދާޅުވިއެވެ. މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާ އެކު (نَصْرُދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިމީހުންނާ ވަރަށް ކައިރިވުމުން، މާތް ﷲ مُوْسَىގެފާނަށް، އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް ވަޙީކުރެއްވިއެވެ. އެ ހިނދު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން ކަނޑުގެ މެދުން މަގުތަކެއް އުފެދުނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ދެން އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިން ވިއެވެ." މާތް ﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީއިސްރާއީލު ބާގައިގެ ބާރަ ގަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްސަކުރެވިގެންވާ މަގުން ކަނޑު ހުރަސްކޮށް ދިޔައެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައި މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުތަކަށް ފިރުޢައުނުގެ ލަޝްކަރު ވަދެ ނިމުމުން އެ ކަނޑު ކުރީން އޮތް ގޮތަށް މާތް ﷲ ބަދަލުކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فِرْعَوْن އާއި އޭނާގެ قَوْمُގެ މީހުން) އެ ތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ مُوْسَىގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غَرَقُން) ސަލާމަތްކުރެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެހެން މީހުން (އެބަހީ: كَافِرُން) غَرَقُ ކުރެއްވީމެވެ."

ހުކުރު ޚުތުބާ

ފިރުއައުނު ޣަރަގުކުރެއްވި ހާދިސާއަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބުދެއްވައި، ނެތިކުރައްވާނެކަން ހާމަވާ ކަމަށެވެ. އަދި ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭ ކަމާއި، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި، ޝަރަފާއި، ގަދަރު ދެއްވާނެ ކަމަށެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަން ރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نِعْمَة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إِمَامُންކަމުގައި އެއުރެން ލެއްވުމަށެވެ. އަދި (فِرْعَوْنُގެ ވެރިކަން) ވާރުތަވަނިވި މީހުންކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަންދެއްވުމަށެވެ. އަދި فِرْعَوْنއާއި، هَامَانއާއި، އެ ދެ މީހުންގެ لَشْكَرއަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށް ޓަކައެވެ.

ހުކުރު ޚުތުބާ

އާޝޫރާ ދުވަހުގެ ރޯދަ ހިފުމާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ރޯދަހިފުމުގެ ތިން ދަރަޖައެއްވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ އާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއްދުވަސް ފަހުން ރޯދަހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތްކަން ފާހަގަކޮށްފައިވެއެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުމެވެ.

މީގެ އިތުރުން އާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "އާޝޫރާ ދުއާ"ގެ ނަމުގައި ވަކި ދުއާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފަނުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް މުހައްރަމް މަހަކީ، މާތް ﷲ ހުރްމަތްތެރި ކުރައްވައިފައިވާ މަހެއް ކަމަށާއި، ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މިދުވަސްތަކުގެ މާތްކަމާއި ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

- ކޮމެންޓް