ކ. މާލެ
|
27 ޖޫން 2025 | ހުކުރު 15:37
އެމްޑީޕީގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެންބަރު އަލީ ނިޔާޒު ވާހަކަދައްކަވަނީ
އެމްޑީޕީގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެންބަރު އަލީ ނިޔާޒު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ މަސައްކަތް
ރާއްޖޭގައި ބަދަލެއް އައުމެއްނެތި ބްރޭންޑެއްގެ ގޮތުގައި މިހާތަނަށް އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ: ނިޔާޒު
އެމްޑީޕީގެ އާއްމު މެންބަރުންގެ ބުރަ މަސައްކަތާއެކު، މިއަދު އެޕާޓީއަށް ގިނަ ރައްޔިތުން އިތުބާރު ކުރޭ
ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައިދިނުމަށް، ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ
ކުރިއަށްވުރެ ބޮޑަށް މިހާރު މަސައްކަތް ކުރަންޖެހޭ، އަލުން އަނބުރާ ވެރިކަން ހޯދަންޖެހޭ

ދިވެހިރާއްޖޭގައި ބަދަލެއް އައުމެއްނެތި ބްރޭންޑެއްގެ ގޮތުގައި މިހާތަނަށް އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނެގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ނިޔާޒު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނީ އެމްޑީޕީން ކުރި މަސައްކަތުން ކަމަށާއި، ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައިދިނުމަށް، ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަން މިފާއިތުވެދިޔަ 20 އަހަރު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުންގެ ބުރަ މަސައްކަތާއެކު، މިއަދު އެޕާޓީއަށް ރާއްޖޭގެ ގިނަ ރައްޔިތުން އިތުބާރު ކުރާ ކަމަށާއި، ޕާޓީގެ ސިޔާސަތުތައް ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އައިރު ބްރޭންޑެއްގެ ގޮތުގައި ބަދަލުނުވެ ހަމައެކަނި އޮތް ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެހެން ހުރިހާ ސިޔާސީ ޕާޓީތައް އިންތިޚާބަށް އަންނައިރު ބަދަލުވަމުންދާ ކަމަށެވެ.

އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ގިނަ ޕާޓީތައް ވަރަށް މަސައްކަތް ކުރޭ. އެހެންނަމަވެސް އިންތިޚާބުތައް އަންނައިރުގައި އަބަދުވެސް އެއްގޮޅީގައި އެއް ލޯގޯ އެއްގޮތަކަށް އިނދޭ. އެހެން ނަމަވެސް އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތައް މިވީހާ ދުވަސްތެރޭގައި ބަދަލުވަމުން. އެންމެ ފުރަތަމަ ޑީއާރްޕީ. ދެން ފެނުނީ ޕީޕީއެމް ކިޔާބައެއް. ދެން މިހާރު މިއޮތީ ޕީއެންސީ ކިޔާ ބައެއް. އަދި މުސްތަގުބަލުގައި އެއީ ޕީއެންއެފްްއަށް ވެސް ނުވާނެ ކަމެއް ވެސް ނޭނގޭ. އެހެންނަމަވެސް އެމްޑީޕީ މިއޮންނަނީ އެމްޑީޕީގެ ގޮތުގައި. ބްރޭންޑެއްގެ ގޮތުގައި. އެއީ އެހެންވީމަ އެމްޑީޕީ މެންބަރުން ކުރި އިތުބާރު. ވަކި މީހަކަށް ކުރި އިތުބާރެއް ނޫން. އޭގެތެރެއިން އުފެދުނު ސިޔާސަތުތަކާ އަޅުގަނޑުމެން ހިފެހެއްޓި ހަމަތަކާ އެކަންކަމަށް ރައްޔިތުންގެ ތާއީދު ލިބުނު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެންބަރު އަލީ ނިޔާޒު

ނިޔާޒު ވިދާޅުވީ އެމްޑީޕީ މިހާރު އިދިކޮޅު ޕާޓީއެއް ގޮތުގައި އޮތް ނަމަވެސް މި ޕާޓީއާމެދު ރައްޔިތުން ކުރާ އުންމީދު ބޮޑު ކަމަށާއި، ޕާޓީގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އަދި ރާއްޖެ ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ ދައުރު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ކުރިއަށްވުރެ ބޮޑަށް މިހާރު މަސައްކަތް ކުރަންޖެހޭ ކަމަށާއި، އަލުން އަނބުރާ ވެރިކަން ހޯދަންޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ގިނަ ރައްޔިތުން އެދޭ ގޮތް ކަމަށާއި، ހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް ރައްޔިތުން ބޭނުންވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

- ކޮމެންޓް