ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 22:17
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ - 26.05.2025
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ - 26.05.2025
ރާއްޖެއެމްވީ
އިބްރާހިމް މުހައްމަދު ސޯލިހު
މިއީ ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން، މި ވަގުތުމީ ކައުންސިލް އިންތިޚާބަށް ތައްޔާރުވާންވީ ވަގުތު - ރައީސް ޞާލިހު
އަމާޒު ހިފަންވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެކުގައި ތިބުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި
2028 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވާހަކަ އަކީ އަދި ފަހުގެ މަރުހަލާ އެއްގައި ހިނގާނެ ކަމެއް ކަމަށް ރައީސް ޞާލިހު ވިދާޅުވި
ރިޔާސީ އިންތިޚާބަށް މަސައްކަތް ކުރުން މި ވަގުތު މަޑުޖައްސާލުމަށް ފަހު ކައުންސިލް އިންތިޚާބަށް ފޯކަސް ކުރުމަށް އެ މަނިކުފާނު ގޮވާލެއްވި

މިއީ ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި މި ވަގުތުމީ ކައުންސިލް އިންތިޚާބަށް ތައްޔާރުވާންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިފަދައިން އެ މަނިކުފާނު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ސުވާލަކީ މިއަދު، އެމްޑީޕީގެ އަހަރީ ދުވަހު ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ވެސް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި ވަގުތަކީ އެމްޑީޕީ އާއި ދުރުގައި ތިބި އެމްޑީޕީގެ ބަޔަކު އަލުން އައިސް އެމްޑީޕީ އާއި އެކުގައި މަސައްކަތް ކުރަން ފަށާ ވަގުތު ކަމަށް ވުމާއި އެކު އެއީ މި ވަގުތު ކުރަންވީ ސުވާލެއް ނޫން ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މިވަގުތު ފުރަތަމަ ހޯދަންވީ އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އަމާޒު ހިފަންވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެކުގައި ތިބުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ވަގުތު ތި ސުވާލު ކުރަން ހެޔޮ ނުވާނެ. މި ވަގުތު ކުރަންވީ ކަމަކީ ފުރަތަމަ ޤާނޫނު އަސާސީ އުލު ބައިންދާލި، އަންދާލި ވަގުތު ކުރަން ޖެހުނު ފަދަ މަސައްކަތެއް. ބޯޓަށް އެރުވި ނޫންތޯ ޤާނޫނު އަސާސީ އަންދާލުމުން ބަޔަކު. އޭރު އެ ބޭފުޅުންނާއި ބައްދަލުކުރަން ވަޑައިގަތީ ހަސަން ފަރީދާއި މުހައްމަދު އަމީން އާއި މި ބޭފުޅުން. އޭރު އެ ބޭފުޅުން ވިދާޅުވި މިއީ ޔުނިޓީގެ ވަގުތޭ. މިއަދު ކުރަންވީ އެކުގައި މަސައްކަތް ކުރެވޭނެ ގޮތް.

ކުރީގެ ރައީސް ޞާލިހު

2028 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވާހަކަ އަކީ އަދި ފަހުގެ މަރުހަލާ އެއްގައި ހިނގާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކާ ޝައުގުވެރިވާ މީހުން މަސައްކަތް މިހާރު ވެސް ކުަރައްވާ ކަމަށާއި އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި މި ވަގުތު އެ މަސައްކަތްތައް މަޑުޖައްސާލެއްވުމަށް ފަހު އެކުގައި 2026ގެ ކައުންސިލް އިންތިޚާބަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

- ކޮމެންޓް