ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބޭރު ދުނިޔޭގައި މަލާމަތް ރައްދުވަމުންދާ ސަރުކާރެއް ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނަގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ޝާހިދު ވިދާޅުވީ މިހާރު ވެރިކަމުގައި މިއޮތް ޕާޓީ ވެރިކަމަށް އައީ އިންޑިއާ އައުޓް ކިޔަމުން ކަމަށާއި، ބޭރު ގައުމުތަކަށް މަލާމަތް ކުރަމުން ކަމަށެވެ. އަދި ބޭރު ގައުމުތަކުގެ ވެރީންނަށް ހަޖޫޖެހުމަށް މާލި ހަދައި ރަށުތެރޭގައި ހިންގުވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޭފުޅުން އަމަލުކުރެއްވި ގޮތަށް އިޝާރާތް ކުރައްވައި، ޝާހިދު ވިދާޅުވީ ރާއްޖެއަށް އެންމެ އެހީތެރިވާ އެންމެ ގާތް ގައުމަށް އިހުތިރާމް ކުޑަކުރުމުގެ އިތުރުން، އދ މަޖިލީހަށް ވެސް އޭރު މަލާމަތްކުރި ކަމަށާއި، ބޭރުގެ އެކިއެކި ގައުމުތަކަށް ކުރާ ދަތުރުތަކާއި ގުޅޭގޮތުންނާއި، ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ހަޖޫޖެއްސެވި ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ ގައުމިއްޔަތުގެ ފަލަ ރޮނގާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ވެސް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެގައުމިއްޔަތުގެ ފަލަ ރޮނގު އެއްވެސް ސަރުކާރަކުން ހުރަސްކޮށްފައިނުވާ ކަަމަށެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ދޮގު ހައްދަވައިގެން ކަމަށާއި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނަފްތަރު އުފައްދައިގެން ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ރައްޔިތުންނަށް ސާފުވެފައިވާ ކަމަށާއި، މިސަރުކާރުގެ އަގު ވެއްޓިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަންނަވާފައި އަޅުގަނޑު ކުރިން ވެސް ދަންނަވަމުން ދިޔަ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ކޮޓަރިއަށް ވަދެވަޑައިގެންފައި މޭޒުކޮޅުގައި އިށީދެ ވަޑައިގެންފައި ފެނިވަޑައިގަންނަވާ މަންޒަރު ތަފާތުވާނޭ އެނގޭތޯ. އަޅުގަނޑުމެންގެ އެންމެ އަވައްޓެރި އެންމެ އެހީތެރިވާ ގައުމު އިންޑިއާ އަކީ. އެކަމަކު އިންޑީއާ ދިމާކުރެއްވީ އެހެނަކުންނޫން. މަލާމަތް ކުރުން. ފޮށުން މިހެންގޮސް ހުރިހާ ކަމެއް ކުރެއްވި. އެކަމަކު ވެރިކަމާ ހަވާލުވެވަޑައިގަތީމަ މިޖެހުނީ އަނެއްކާ ވެސް އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަން. އެއީ އިންޑީއާއާ ދިވެހިރާއްޖޭގެ ގުޅުމަކީ ދުރުވެވޭނެ ގުޅުމެއް ނޫން. އެގޮތަށް ސްރީލަންކާއާ ދިވެހިރާއްޖޭގެ ގުޅުމަކީ ވެސް ދުރުވެވޭނެ ގުޅުމެއް ނޫން. މީގައި ބުއްދިވެރި ގޮތަކީ އެކުގައި މަސައްކަތް ކުރަން ދަސްކުރުން. އިހުތިރާމް ކުރަން ދަސްކުރުން އެނގޭތޯ. އެއީ ކޮންކަހަލަ ހުތުރު ވާހަކަތަކެއްތޯ ދެއްކެވީ ވެރިކަމަށް ވަޑައިގަންނަވަން. ރާއްޖޭގައި ބޭރުގެ ސިފައިން އެބަތިއްބޭ. ކޮބައިތޯ ސިފައިން. ހެލްކަޕްޓަރުތައް އެބަހުއްޓޭ. އަދިވެސް އެބަހުރި އެއްޗެހި އެބަހުރި. އަދިވެސް ޑޯނިއާ މަތިންދާބޯޓު އެބަހުއްޓޭ ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވީ ހުސްދޮގުކަން. ބޭރުގެ ޓީވީ ޗެނަލްތަކަށް އަރާ ވަޑައިގެން މިވާހަކަތައް ދައްކަވާ ހެއްދެވީ. އޭގެ ނަތީޖާއަކަށް މިވީ ވެރިމަމަށް ވަޑައިގެންފައި އުނބަށް ޖެއްސެވުން. އެހެނުންތޯވާނީ
ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު![]()
ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބޭރުގެ ދުނިޔޭގައި ރާއްޖޭގެ އަގުވެއްޓުނު ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރަކީ ބޭރު ދުނިޔޭގައި މަލާމަތް ރައްދުވަމުންދާ ސަރުކާރެއް ކަމަށެވެ. މި ސަރުކާރަށް ހަގީގަތާ ކުރިމަތިލާން ޖެހިފައިވާއިރު، މިއަދު އެބޭފުޅުން ބޭރުގެ ގައުމުތަކަށް ގިނަ ދަތުރުތަކެއް ކުރެއްވި ނަމަވެސް ނަތިޖާ ރަނގަޅު ނޫން ކަމަށާއި، ރާއްޖޭއަށް ލިބޭ ކުރިއެރުމެއް ވެސް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.