ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 17:19
ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ވަޒީރާއި ހިއްސާކުރުން
ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ވަޒީރާއި ހިއްސާކުރުން
ރާއްޖެއެމްވީ
އަޙްމަދު ޝިޔާމް
ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި
މަސްވެރިން ފާޅުކުރީ ސަރުކާރުން މަސް ކިލޯ އެއް 16 ރުފިޔާ އަށް ގަންނަނީ ވައުދުވި 20 ރުފިޔާ ނޫން ކަމުގެ ކަންބޮޑުވުން
މަސްވެރިން ބުނީ ސަރުކާރުން ބޮޑެތި ވައުދުތަކާއެކު ވެރިކަމަށް އައި ނަމަވެސް މަސްވެރިންނަށް މަލާމާތް ކުރާ ކަމަށް
ބަނދަރުމަތިން ވަޒީރާއި ބައްދަލުކޮށް އަޑު އުފުލާފައި ވަނީ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުމަށް ވަގުތު ދެވެން ނެތް ކަަމަށް އެންގުމާއި ގުޅިގެން

ދ.މީދޫ އަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ޝިޔާމް ލަދުގަންނަވާލައިފިއެވެ.

މަސްވެރިން ވަނީ އެ ރަށުގެ މަސްވެރިންގެ ކަންބޮޑުވުންތައް އޮއްސާލާފައެވެ. މަސްވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން ކުޑަ އަގުގައި މަސް ގަންނާތީ އެކަމުގެ ކަންބޮޑުވުން ހިމެނެއެވެ. އެގޮތުން މަސް ކިލޯ އެއް ގަންނަނީ އެންމެ 16 ރުފިޔާ އަށް ކަމަށް ފާހަގަކޮށް މަސްވެރިން ވަނީ އެއީ މަސްވެރިންނަށް ހައްގު މިންވަރުތޯ ސުވާލު އުފައްދާފައެވެ. މަސްވެރިން މި ފަދައިން ނުރުހުން ފާޅުކޮށްފައި ވަނީ މަސްވެރިންގެ އަތުން މި ސަރުކާރުގައި މަސް ގަންނަ އެންމެ ކުޑަ އަގަކީ 20 ރުފިޔާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރ އަދި ސަރުކާރުގެ އެހެން ބޭފުޅުން ވެސް ވިދާޅުވަމުންދާތީ އެކަމާއި މެދުގައި ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އެ ސަރަހައްދަށް މަސްވެރިންނާއި ކެޔޮޅުން ގިނަ އަދަދަކަށް އެއްވެފައި ތިބި އިރު އެ މީހުން ވަޒީރާއި ވާހަކަދެއްކީ ވަރަށް ބޮޑަށް ޖަޒުބާތުގައެވެ. އެއާއި އެކު ވަޒީރު ބައެއް މީހުން ކައިރީގައި މަޑުން ވާހަކަދައްކަން އެދުމުން އެ މީހުން ވަނީ މަޑުން ދައްކައިގެން ސަރުކާރަށް އަޑު އިވޭތޯ ވެސް ސުވާލުކޮށްފައެވެ.

" މަޑަކުން ވާހަކަ އެއް ނުދެއްކޭނެ. މަށަކީ ވެސް ކެޔޮޅެއް. މި ވާހަކަ ދައްކާ ދައްކާ އަޑެއް ނާހާ. ދެން މި ބުނަނީ މަސްވެރިން ތިބީ އުފަލުންނޭ. އެހެންވީމަ މި އަޑު އިއްވަން އަހަރުމެން ވެސް ބޭނުންވޭ." އެ ތަނަށް އެއްވެފައިވާ އާއްމުންގެ ތެރެއިން މީހަކު ބުންޏެވެ.

އެތަނުގައި ހުރި އެހެން މަސްވެރިއަކު ބުނީ މަސްވެރިންގެ ވުޒާރާ އެއް ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އޭނާ ބުނީ މަސްވެރިންނަށްޓަކާ ބޮޑެތި ވައުދުތައް ވެގެން އައުމަށް ފަހު ސަރުކާރުން މަސްވެރިންނަށް ކުރީ މަލާމާތް ކަމަށެވެ. އަދި ވެރިކަމަށް އައީ މަސްވެރިންނަށް އޮޅުވާލައިގެން ކަމަށް ބައެއް މަސްވެރިން ވަނީ ބުނެފައެވެ.

" ދޮގާއި މަކަރާއި ހަދައިގެން ވެރިކަމަށް އައި ބައެއް މިއީ. އެއްވެސް ކަމެއް ކުރާނަމޭ ބުނި ގޮތަކަށް ނުކުރޭ. ހުރިހާ ކަމެއްގައި މަކަރާއި އޮޅުވާލުން ނޫން ކަމެއް ނެތް." އާއްމު މީހަކު ވަނީ ބުނެފައެވެ.

މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކަށް ވަޒީރަށް އެކަށީގެންވާ ޖަވާބެއް ދެވިފަ އެއް ނުވެއެވެ. ޝިޔާމްގެ އަރިހުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން ވެސް ތިއްބެވެ. މަސްވެރިންގެ ކަންބޮޑުވުންތައް ހޫނުވެ އެ ނޫން ގޮތެއް ނެތުމުން ޝިޔާމް މަސްވެރިންގެ އަޑު އަހާފައިވާ ކަމަށް ދ.މީދޫގެ މަސްވެރިޔަކު ވަނީ މި ނޫހަށް ކިޔާދީފައެވެ. މަސްވެރިން ވަނީ ސަބްސިޑީ ދޭ އުސޫލާއި މެދުގައި އާއި ހުޅުމާލެ ކަންނެލި ޖެޓީ އާއި އައިސް ހޯދުން ފަދަ މަސްވެރިންނަށް ދަތިތައް ވަޒީރާއި ހިއްސާކޮށްފައިއެވެ.

ބުރާސްފަތި ދުވަހު ޝިޔާމް އެ ރަށަށް ވަޑައިގެންފައި ވަނީ މީދޫ އާއި ބަނޑިދޫގެ އައިސްޕްލާންޓް ހުޅުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް އެ ރަށުން މި ނޫހާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުން މަސްވެރިން ވަނީ ވަޒީރާއި ބައްދަލުކުރުމަށް ސަރުކާރުގައި އެދިފައެވެ. ބަނދަރުމަތިން ވަޒީރާއި ބައްދަލުކޮށް އަޑު އުފުލާފައި ވަނީ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުމަށް ވަގުތު ދެވެން ނެތް ކަަމަށް އެންގުމާއި ގުޅިގެންނެވެ.

- ކޮމެންޓް