އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާގެ ސަބަބުން، އެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެމެރިކާގެ ސެކްރަޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
އިސްރާއީލާއި އީރާނާ ދެމެދު ކުރަމުން އައި ހަނގުރާމައިގެ ތެރެއަށް އެމެރިކާ އިން ވަނީ ވަދެފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް، އެ ޤައުމުން ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ.
ނަމަވެސް އީރާން އިން ބުނެފައި ވަނީ އެ ހަމަލާތަކުގެ ސަބަބުން، އެ ޤައުމުގެ އެއްވެސް ނިއުކްލިއާ މަރުކަޒަކަށް ގެއްލުން ވެފައި ނުވާ ކަމަށެެވެ. އަދި އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ވެސް ގެއްލުން ވެފައި ނުވާ ކަމަށް އީރާން އިން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ރޫބިއޯ ވިދާޅުވީ އެ ހަމަލާތަކުގެ ސަބަބުން އީރާންގެ ނިއުކްލިއާ ތިން މަރުޒަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަަމަށެވެ. ޕޮލިޓިކޯ އަށް ދެއްވި އިންޓަވިޔުގައި އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ހިތްވަރު ގަދަ ފިޔަވަޅުގެ ސަބަބުން، އީރާންގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޤާބިލިއްޔަތު މިހާރު ވަނީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައި ކަމަށެވެ.
ރޫބިއޯ މިހެން ވިދާޅުވި ނަމަވެސް، އެމެރިކާގެ ހަމަލާގެ ސަބަބުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތަކާ މެދު އެކި ފަރާތްތަކުން ދައްކަނީ ތަފާތު ވާހަކަ އެވެ.
އެގޮތުން ސީއެންއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެެރިކާގެ އިންޓެލިޖެންސް އެސެސްމަންޓް އިން ދައްކާ ގޮތުން މި ހަމަލާ އިން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ލަސްވެފައި ވަނީ މަދު ދުވަސް ކޮޅަކަށެވެ.
ހަމަލާއާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތައް މުޅިން ފަނާވެ، ނެތި ގޮސްފައިވާ ކަމަށެވެ.