އީރާނުން ހޯމަ ދުވަހުގެ ރޭ ފޮނުވާލި މިސައިލް ތަކުގެ ތެރެއިން މިސައިލެއް ގަތަރުގެ އަލް އުދައިދު އެއަރ ބޭސް އަށް އެރި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ގަތަރުން ކަށަވަރު ކޮށްދީފިއެވެ.
ގަތަރުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެފައި ވަނީ ޖުމްލަ 19 މިސައިލް އީރާނުން ފޮނުވާލި ކަމަށެވެ.
އީރާނުން އަލް އުދައިދު އެއަރ ބޭސް އަށް ދިން ހަމަލާއަކީ 'ބާރުގެ ދެއްކުމުގެ' ރަމްޒީ ހަމަލާ އެއް ކަމަށް މިޑްލް އީސްޓް ކައުންސިލް އޮން ގްލޯބަލް އެފެއާޒްގެ ފެލޯއެއް ކަމުގައިވާ އުމަރު ރަޙްމާން އަލް ޖަޒީރާ އަށް މި ހަމަލާ އާ ބެހޭ ގޮތުން ވިދާޅުވިއެވެ. އޭނާ މި ހަމަލާ ސިފަ ކުރެއްވީ، "އީރާނުން ދައްކަން ބޭނުންވި ބާރުގެ ރަމްޒީ ދެއްކުމެއް" ގެ ގޮތުގައެވެ.
އަދި އީރާނުން މި ހަމަލާ ދިނީ އެމީހުންނަށް "އެފަދަ ބާރާއި ގަދަކަން ސަރަޙައްދުގައި ދެއްކޭކަން" ހާމަ ކުރުމަށް ކަމަށް ރަޙްމާން ވިދާޅުވިއެވެ.
"އީރާނުން ދުށީ އެއްވެސް ޖަވާބެއް ނުދީފި ނަމަ... އެއީ އެމެރިކާ އަށް ދޭން ބޭނުން ނުވާ މެސެޖެއް ލިބިދާނެ ކަމަށް" ރަޙްމާން ވިދާޅުވިއެވެ.
އީރާނުން ގަތަރަށް ދިން ހަމަލާ އަރަބި އަދި ގަލްފް ގެ ގައުމުތަކުން ވަނީ ކުށްވެރި ކޮށްފައެވެ.
އީރާނުން ބުނެފައިވަނީ ހަމަލާގެ މަގްސަދަކީ ގަތަރުގެ ރައްޔިތުންނަށް ގެއްލުމެއް ދިނުން ނޫން ކަމަށާއި އެ ހަމަލާގެ މަގްސަދަކީ އެމެރިކާ އަށް ބަދަލު ހިފުން ކަމުގައެވެ.
ހަމަލާ އަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ ގައިި ޕޯސްޓްތަކެއް ކުރައްވާފައެވެ.
އަންގާރަ ވިލޭރޭ ކުރެއްވި ޕޯސްޓެއްގައި ދުނިޔެ އަށް މަރުހަބާ ވިދާޅުވެ، މިއީ ސުލްހައިގެ ވަގުތު ކަމަށް ވިދާޅުވިއެވެ.
'މަރުހަބާ ދުނިޔެ، މިއީ ސުލްޙައިގެ ވަގުތު' - ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ޕޯސްޓް ކުރައްވާފައިވެއެވެ.
ޓްރަމްޕް ވަނީ އީރާނަށާއި ގަތަރުގެ އަމީރަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ.
އީރާނުން ހަމަލާގެ އިންޒާރު ކުރީ ބައިގައި އެމެރިކާ އަށް ދިން ކަމަށް ވިދާޅުވެ އީރާނަށް ޝުކުރު އަދާ ކުރެއްވުމާއެކު، ޤަތަރުގެ އަމީރަށް ޝުކުރު އަދާ ކުރައްވާފައި ވަނީ "ސަރަޙައްދުގައި ސުލްޙަ ގާއިމު ކުރުމަށް އެމަނިކުފާނު ކުރައްވާފައިވާ ހުރިހާ މަސައްކަތަކަށް ޓަކައި" އެވެ.
ޓްރަމްޕްގެ ޕޯސްޓެއް ގައި އީރާނުގެ ހަމަލާގައި އެއްވެސް އެމެރިކާ މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި އީރާނުގެ ހަމަލާގައި ޤަތަރު މީހަކު މަރުވެފައި ނުވަތަ ޒަޚަމްވެފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.