އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަދި މިސައިލްތަކުގެ ނުރައްކާ ނައްތާލުމުގެ މަސައްކަތް ނިމުމަކާ ވަރަށް ގާާތް ވެއްޖެ ކަމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އީރާންގެ ބެލިސްޓިކް މިސައިލްތަކާއި، ނިއުކްލިއާ ޕްރޮގްރާމްގެ ނުރައްކާތެރިކަން ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތް ނިމުމަކާ ވަރަށް ކައިރިވެފައިވާ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އިސްރާއީލް އިން، ދިގު މުއްދަތަކަށް ހަނގުރާމައިގެ ތެރެއަށް ވަދެގެން ނުދާނެ ކަމަށާއި، ނަމަވެސް އިސްރާއީލްގެ މަޤުސަދު ހާސިލު ނުވަނީވެސް އެ ޤައުމުން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓައި ނުލާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެމެރިކާގެ ބަންކަރ ބަސްޓަރ ބޮންތަކުގެ ސަބަބުން، އީރާންގެ ފޯޑޯ ނިއުކްލިއާ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އިސްރާއީލް އިން އިސްވެ އީރާނަށް ހަމަލާ ދިން ފަހުން، އެމެރިކާ އިން ވެސް ވަނީ އާދީއްތަ ދުވަހު އީރާނަށް ހަމަލާ ދީފަ އެވެ. އެމެރިކާގެ ހަމަލާތަކާ ގުޅިގެން، ނަތަންޔާހޫ ވަނީ އެ ޤައުމަށް ޝުކުރު ވެސް އަދާ ކޮށްފަ އެވެ.
އީރާން އިން 60 އިންސައްތަ މިންވަރަށް ޔުރޭނިއަމް ފައްކާ ކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ނަތަންޔާހޫ ވިދާޅުވީ، އެކަން ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ ނިއުކްލިއާ ޕްރޮގްރާމްގެ މުހިންމު ބައެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އިސްރާއީލް އިން އީރާނަށް އަމާޒުކޮށް ހަމަލާ ދިނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން އީރާން އިން ވެސް އަންނަނީ އެ ހަމަލާގެ ޖަވާބުގައި އިސްރާއީލަށް ގިނަ ހަމަލާތަކެއް ދެމުންނެވެ. އެންމެ ފަހުން އާދީއްތަ ދުވަހު އީރާން އިން އިސްރާއީލަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ވެރި ރަށް ތެލް އަވީވް އާއި އެހެން ސަރަަހައްދު ތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އީރާން އިން ބުނަމުން އަންނަނީ ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނު ނަމަވެސް، އެ ޤައުމުގެ އަމިއްލަ ދިފާއުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ އދ ގެ ޗާޓަރުގެ ދަށުން އީރާނަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފަ އެވެ.