އީރާންގެ ނިއުކްލިއާ ފެސިލިޓީ އަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދިން ނަމަވެސް، އެމެރިކާގެ މަޤުސަދަކީ އީރާންގެ ވެރިކަން ބަދަލު ކުރުން ނޫން ކަމަށް އެ ޤައުމުގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޕެންޓަގަންގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ހެގްސެތު ވިދާޅުވީ، އެމެރިކާގެ މަޤުސަދަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ސަބަބުން އެ ޤައުމުގެ ޤައުމީ މަސްލަހަތަށް ކުރިމަތިވެފައިވާ ނުރަައްކާތެރިކަން ނައްތާލުން ކަަމަށެވެ.
އެގޮތުން ހެގްސެތު ވިދާޅުވެފައި ވަނީ އެމެރިކާގެ ސިފައިންގެ ރައްކާތެރިކަމާއި، އިސްރާއީލްގެ ރައްްކާތެރިކަމަށްޓަކައި ހަމަލާ ދިނުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވީ ކަމަށެވެ. އަދި އެއީ އަމިއްލަ ޤައުމުގެ ދިފާއުގައި އެމެރިކާ އިން ދިން ހަމަލާއެއް ކަމަށް ހެގްސެތު ވަނީ ސިފަ ކުރައްވައިފަ އެވެ.
އެމެރިކާ އިން އިސްވެ އީރާނަށް ހަމަލާ ދީފައިވާއިރު، އެ ހަމަލާގެ ސަބަބުން އީރާންގެ ނިއުކްލިއާ ފެސިލިޓީ އަށް މާ ބޮޑު ގެއްލުންތަކެއް ނުވާ ކަމަށް އެ ޤައުމުން ވަނީ ބުނެފަ އެވެ. ނަަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނަށް ބޮޑެތި ގެއްލުން ތަކެއް ދެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ އިން އީރާނަށް ދިން ހަމަލާ ކުރިއަށް ގެންދިޔައީ "އޮޕަރޭޝަން މިޑްނައިޓް ހެމަރ" ގެ ނަމުގަ އެވެ. އެ އޮޕަރޭޝަންގައި 125 އަށް ވުރެ ގިނަ މަތިންދާ ބޯޓު ބައިވެރިވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި މިއީ އެމެރިކާގެ ތާރީޚުގައި ވެސް، ބީ-2 ސްޓެލްތު ބޮމްބަރުތައް ބޭނުން ކޮށްގެން ކުރިއަށް ގެންދެވުނު އެންމެ ބޮޑޮ އޮޕަރޭޝަން ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާގެ ސިފައިން މިވަގުތު ވެސް ތިބީ ފުލް އެލާޓުގަ އެވެ. އަދި އީރާނުން ނުވަތަ، އެހެން ޤައުމުއެއްގެ ބާރަކުން ވިޔަސް، އެމެރިކާ އަށް ހަމަލާ ދިނުމަކީ ވަރަށް ނުބައި ނިންމުމަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުން އެހެން ނަތީޖާއެއް ނިކުންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފަ އެވެ.