އިސްރާއީލަށް އަމާޒުކޮށް އީރާން އިން ގާތް ގާތުގައި ދެ ހަމަލާ ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އިސްރާއީލްގެ ސަރަަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އީރާންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އީރާނުން ވަނީ އެ ޤައުމަށް އަމާޒުކޮށް 27 މިސައިލް ހަަމަލާ ދީފައި ކަމަށެވެ. އަދި އެ ހަމަލާތައް އަމާޒު ކުރެވިފައިވާ ސަރަހައްދުތަކަކީ، ގޯލާން ހައިޓްސް އިން ފެށިގެން، ގަލީލް އަދި މެދު ތެރޭގެ އައްސޭރި ފަށުގެ ސަރަހައްދު ތަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ވެރި ރަށް ތެލް އަވީވް އާއި ހައިފާ ވަށައިގެންވާ ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. އަދި އެ ހަމަލާގެ އަސަރު 10 ސަރަހައްދަކަށް ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެވެ.
ނަމަވެސް ހަމަލާގައި ގެއްލުން ލިބުނު އިމާރާތްތަކުގެ ތަފްސީލު މިހާތަނަށް އެނގެން ނެތް ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އިސްރާއީލްގެ ޞިއްޙީ ފަރުވާާ ދެމުން އަންނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާތަނަށް ވަނީ 16 މީހަކަށް ޒަޚަމުވެފަ އެވެ. އަދި އިތުރު މީހަކަށް ޒަޚަމުވެފައި ވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއީ އެހާ ހަލުވި ކަމާ އެކު ދެ މިސައިލް ހަމަލާ ދެވުނު ފުރަތަމަ ފަަހަރެވެ. އާންމު ގޮތެއްގައި އެއް ހަމަލާ އަށް ފަހު، އަނެއް ހަމަލާއާ ދެމެދުގައި އެއް ގަޑިއިރުގެ ތަފާތު ހުރި ނަމަވެސް، މިފަހަރު ދެ ވަނަ ހަމަލާ ދީފައި ވަނީ ތިރީސް މިނެޓުގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ހަމަލާތަކާ ގުޅިގެން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއަރުޖީސީ) އިން ބުނެފައި ވަނީ، އިސްރާއީލްގެ އެއާޕޯޓާއި، އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައިވާ ކަަށެވެ. އެގޮތުން އެންމެ ފަހުން އީރާން އިން ދިން މިސައިލް ހަމަލާތަކަކީ އިސްރާއީލްގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓާއި، ރިސާޗް ފެސިލިޓީތަކާއި، އެކި އެކި އަސްކަރީ ކޮންޓްރޯލް އެންޑް ކޮމާންޑް ސެންޓަރުތަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވެސް އައިއާރުޖީސީ އިން ވަނީ ބުނެފަ އެވެ.