އީރާނަށް އަމާޒުކޮށް، ހަމަލާތަކެއް ދެމުންދާކަން އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން އާދީއްތަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އީރާންގެ ހުޅަނގު ސަރަހައްދުގައި ހުރި އަަސްކަރީ އަމާޒުތަކަކަށް އިތުރު ހަމަލާތަކެއް ދެމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، މީގެ ކުރިން ދިން ހަމަލާތަކުގައި އީރާންގެ މިސައިލް ލޯންޗަރުތަކެއް ހަލާކުކޮށްލާފައިވަ ކަމަށާއި، އީރާންގެ ސިފައިންނަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން މިހެން ބުނެފައި ވީ ނަމަވެސް، މި ހަމަލާތަކާ ގުޅޭ މާ ބޮޑު އިތުރު ތަފްސީލުތަކެއް ހާމަކޮށްފައި ނުވެ އެވެ.
އީރާނަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންދާކަން އިސްރާއީލް އިން ހާމަކޮށްފައިވާއިރު، އާދީއްތަ ދުވަހު އީރާން އިން ވަނީ އިސްރާއީލަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި އިސްރާއީލްގެ 11 މީހަކު ޒަޚަމުވެފަައިވާއިރު، އެ ޤައުމުގެ 10 ސަރަހައްދަކަަށް މިސައިލްގެ ބައިތައް ވެއްޓިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އީރާނަށް ހަމަލާ ދެމުންދާ ކަމަށް އިސްރާއީލް އިން ބުނި ނަމަވެސް، އެކަމާ ގުޅިގެން އީރާން އިން މިހާތަނަށް ރަސްމީ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.