އެމެރިކާ އިން އީރާނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ސަބަބުން، އޭގެ ރައްދުގައި ކޮންމެ ވަގުތެއްގައި ވެސް ހަަމަލާ ދީފާނެ ކަމުގެ އިންޒާރު ޔަމަންގެ ހޫޠީން އިން ދީފި އެވެ.
ހޫޠީންގެ ސިޔާސީ ބިއުރޯގެ މެމްބަރު މުޙައްމަދު އަލް ބުޚައިތީ އަލް ޖަޒީރާ އަށް ބުނެފައި ވަނީ، އެމެރިކާ އާއެކު ހޫޠީން އިން ހަދާފައިވާ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުން ނިމުނީ ކަމަށެވެ. އަދި އެ އެއްބަސްވުން ދެމި އޮތީ، އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމާ ހަމައަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ހޫޠީންގެ އިސް އޮފިޝަލަކު ބުނެފައި ވަނީ، އެ ހަމަލާތަކާ ގުޅިގެން އެ ޖަމާއަތުން ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށެވެ. އަދި އެކަން ބިނާ ވެގެން ދާނީ، ވަގުތާއި ޙާލަތުގެ މައްޗަށް ކަމަށް ވެސް އެ އޮފިޝަލު ވަނީ ބުނެފަ އެވެ.
ހޫޠީން އިން ވަނީ، ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލް އިން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން، އެ ޤައުމުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ކަމަށް ބުނެ، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދު ފަހަރަށާއި، އަދި އިސްރާއީލަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދީފަ އެވެ.
އެހެން ނަމަވެސް، މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ އެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، އެމެރިކާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން އެމެރިކާ އިން ހޫޠީން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމާއި، އޭގެ ބަދަލުގައި ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އުޅަނދު ފަހަރަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ވަނީ އެއްބަސްވެފަ އެވެ.
އެމެރިކާ އިން އާދީއްތަ ދުވަހު އީރާނަށް ދިން ހަމަލާއާ ގުޅިގެން، ބަދަލުގައި ހަމަލާތައް ދޭން ޖެހިދާނެ ކަމުގެ އިންޒާރު ހޫޠީން އިން ދީފައިވާއިރު، އެމެރިކާގެ ހަމަލާއާ ގުޅިގެން ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ދާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.