އީރާނަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާތަކަށް، ލެޓިން އެމެރިކާގެ ޤައުމުތަކުން ފާޑު ކިޔައި، އެ ހަމަލާތައް ކުށްވެރި ކޮށްފި އެވެ.
އެގޮތުން ކިއުބާ، ޗިލީ، މެކްސިއޯ އަދި ވެނެޒުއެލާ ފަދަ ޤައުމުތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ހަމަލާތައް ކުށްވެރިކޮށް، އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ.
ކިއުބާގެ ރައީސް މިގުއެލް ޑިއަޒް ކެނެލް ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާގެ އެ ހަމަލާތަކަކީ ވަރަށް ނުރައްކާތެރި އަދި އދ ގެ ޗާޓަރާ ވެސް ޚިލާފު ހަމަލާތަކެއް ކަމަށެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އިންސާނިއްޔަތަށް އަނބުރައި ނުލިބޭނެ ވަރުގެ ގެއްލުންތަކެއް ކުރިމަތި ވެދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ހަމަލާތަކާ ގުޅިގެން ޗިލީގެ ރައީސް ގެބްރިއެލް ބޯރިކް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރު އޮތުމަކީ އެ ބޭރު ބޭނުން ކުރުމުގެ ހުއްދައެއް ނޫން ކަމަށެވެ. އަދި އެމެރިކާ ކަމަށް ވީ ނަމަވެސް، އެ ހަމަލާތަކަކީ އެންމެހައި ޤާނޫނުތަކާ ޚިލާފު ހަމަލާތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މެކްސިކޯގެ ޚާރިޖީ ވުޒާރާ އިން ގޮވާލާފައި ވަނީ ސަރަހައްދުގައި އޮތް ހަމަ ނުޖެހުންތައް ކުޑަ ކުރުމަށެވެ. އަދި މައްސަލަ ޙައްލު ކުރުމަށްޓަކައި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
ވެނެޒުއެލާގެ ޚާރިޖީ ވަޒީރު އިވާން ގިލް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ އެދުމުގެ މަތިން، އެމެެރިކާ އިން އީރާނަށް ދިން ހަމަލާ ވެނެޒުއެލާ އިން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ހަމަލާތަކަކީ ސަރަހައްދުގައި އިތުރު ހަމަ ނުޖެހުން އުފެދިދާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާ އިން އީރާނަށް ހަމަލާ ދީފައިވާއިރު، އެކަން އިއުލާން ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އެކަން އިއުލާން ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ އެ އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި، މިހާރު އައިސްފައި ވަނީ ސުލްހައިގެ ވަގުތު ކަމަށެވެ.