ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 07:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އެމެރިކާ އިން އީރާނަށް ބޮން އެޅުން - ނަތަންޔާހޫގެ ހިފެހެއްޓުމެއް ނެތް ތައުރީފް ޓްރަމްޕް އަށް
ރިޕޯޓުތައް ބުނާ ގޮތުގައި ކުރިން އިންޒާރު ދިނުމެއް ނެތި ކުއްލި ގޮތަކަށް އެމެރިކާ އިން އީރާނަށް ހަމަލާ ދިނީ އިސްރާއީލާ އެމެރިކާ އާ ދެމެދު ބަރާބަރަށް ކޯޑިނޭޓް ކުރެވިގެން

އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮން އެޅުމުން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ގެ "ހިތްވަރުގަދަ ނިންމުމަށް" ތައުރީފް ކޮށް މަރުޙަބާ ކިޔައިފިއެވެ.

އިސްރާއީލުން ހިންގަމުންދާ ޖަރީމާ ތަކުގެ އެންމެ ބޮޑު ބައިވެރިޔާ އަދި މަދަދުވެރިޔާގެ ގޮތުގައި ދެމި އޮންނަ އެމެރިކާގެ އިން މި ދިން ހަމަލާ އާ ގުޅިގެން ބޮޑުވަޒީރު ވަނީ ތަޢުރީފުކުރައްވާ އެކްސް (ޓްވިޓަރ) ގައި ވީޑިއޯއެއް ޝާއިޢުކުރައްވާފައެވެ. އަދި މިއީ "ތާރީޚު ބަދަލުކުރާނެ" ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

"މަރުޙަބާ، ރައީސް ޓްރަމްޕް. އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާގެ ބާރުގަދަ އަދި ޢަދުލުވެރި ބާރުގެ ބޭނުންކޮށްގެން ހަމަލާދިނުމަށް މަނިކުފާނު ނިންމެވި ހިތްވަރުގަދަ ނިންމުމުން ތާރީޚު ބަދަލުވެގެންދާނެ،" ނަތަންޔާހޫ ވިދާޅުވިއެވެ.

"އޮޕަރޭޝަން ރައިޒިންގ ލަޔަން ގައި، އިސްރާއީލުން ވަނީ ޙަޤީޤަތުގައިވެސް އަޖައިބުވެދާފަދަ ކަންތައްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް މިރޭ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާ ދެކޮޅަށް ދެވުނު ހަމަލާ ގައި، އެމެރިކާއަށް ވުރެ މޮޅު އެހެން ޤައުމެއް ނެތެވެ. އެމެރިކާ އިން ވަނީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ނުކުރެވޭނެ ކަމެއް ކޮށްފައެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ވެރިކަމަކަށް ދުނިޔޭގެ އެންމެ ނުރައްކާތެރި ހަތިޔާރު ލިބުނަ ނުދިނުމަށް ރައީސް ޓްރަމްޕް ޢަމަލުކުރެއްވި ކަމަށް ތާރީޚުގައި ލިޔެވިގެންދާނެއެވެ."

ރިޕޯޓުތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހު, ކުރިން އިންޒާރު ދިނުމެއް ނެތި ކުއްލި ގޮތަކަށް އެމެރިކާ އިން އީރާނަށް ހަމަލާ ދިނީ އިސްރާއީލާ އެމެރިކާ އާ ދެމެދު ބަރާބަރަށް ކޯޑިނޭޓް ކުރެވިގެންނެވެ.

- ކޮމެންޓް