އިސްރާއީލުގެ ސަލާމަތީ ޚިދުމަތްތަކުން ހޮނިހިރު ދުވަހު ބުނެފައި ވަނީ، އީރާނުގެ ޑްރޯނަކުން އެ ޤައުމުގެ އުތުރުގައި ހުރި އިމާރާތަކަށް ހަމަލާދީފައިވާ ކަމަށެވެ.
ޖޫން 13 ގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުން ގިނަ އަދަދެއްގެ މިސައިލް އާ ޑްރޯން ބޭނުން ކޮށްގެން އިސްރާއީލަށް ގިނަ ހަމަލާތަކެއް ވަނީ ދީފައެވެ.
އިސްރާއީލުން ބުނަނީ 450 އަށްވުރެ ގިނަ މިސައިލާއި 400 އާ ގާތްކުރާ އަދަދެއްގެ ޑްރޯން، އިސްރާއީލުގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައި ވެއެވެ.
އީރާނުން ދޭ ހަމަލާތަކުގެ ގެއްލުމުގެ މައުލޫމާތު މިނިވަން ކަމާ އެކު ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށް ގިނަ މީޑިއާ ރިޕޯޓު ތަކުގައި ވެއެވެ. އިސްރާއީލަށް އަރާ ހަމަލާ ތަކުގެ މައުލޫމާތު ދިނުމުގައި ސިފައިންގެ ހަރުކަށި ސެންސަރޝިޕް ގަވާއިދުތަކެއް ވަނީ ހަދާފައެވެ. އަދި މި މައުލޫމާތު އާންމުންނަށް ތަފްސީލުކޮށް ނުދޭ ކަމަށް ވެސް މީޑީއާ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ ބެލުމުގެ ދަށުން ހިންގާ ނޭޝަނަލް ޕަބްލިކް ޑިޕްލޮމަސީ ޑައިރެކްޓަރޭޓުން އީރާނުގެ ހަމަލާތަކުގެ ތެރެއިން ހަމަލާ އެރި 50 ތަނެއް މިހާތަނަށް ހާމަކޮށްފައެވެ.
ހުކުރު ދުވަހު ހައިފާގެ ބަނދަރު ސަރަހައްދުގައި ހުރި އިމާރާތަކަށް އީރާނުން ދިން ހަމަލާއެއްގައި މަދުވެގެން 19 މީހުން ވަނީ ޒަޚަމްވެފައެވެ.
އުތުރުގައި އޮންނަ މި ބަނދަރަށް ގިނަ ފަހަރު ހަމަލާ ދީފައިވެއެވެ. އަދި މީގެ އިތުރުން، ތެލް އަވީވް ގެ ދެކުނުގައި އޮންނަ ބެއަރ ޝީބާ އަށްވެސް ގިނަ ހަމަލާތައް އަމާޒުވެފައިވެއެވެ.
ހޮނިހިރު ދުވަހު ބެއިތް ޝެއާން ގައި ޑްރޯން ހަމަލާ އަމާޒުވި ތަނުން އޭއެފްޕީން ނަގާފައިވާ ފޮޓޯތަކުން ދައްކާގޮތުގައި، އިމާރާތުގެ އެއްފަރާތުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވެއެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުގެ ހަމަލާތަކުން އިސްރާއީލުގައި ޖުމްލަ 25 މީހުން މަރުވެފައިވެއެވެ.