އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އަވަހާރަ ކޮށްލި ކަމަށް އިސްރާއީލުން ބުނި އީރާނުގެ ލީޑަރުގެ މުޝީރު އަލީ ޝަމްޚާނީ ދުނިޔޭގައި އެބަ ހުންނެވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިސްރާއީލުން ފެށި ހަމަލާތަކުގެ ކުރީކޮޅު އިސްރާއީލުން ތެހެރާނަށް ދިން ހަމަލާއެއްގައި ޝަމްޚާނީ ޝަހީދުވެފައިވާ ކަމުގެ އަޑުތައް ވަނީ ފުޅާ ދާއިރާއެއްގައި ފެތުރިފައެވެ. އަދި ގިނަ މީޑިއާތަކުން އޭނާ ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެހެން ނަމަވެސް އީރާނުގެ ރަސްމީ މީޑިއާ ތަކުން ކަށަވަރު ކޮށްދޭ ގޮތުގައި ކުރީގެ ސަލާމަތީ އިސްވެރިއެއް ކަމުގައިވާ އަލީ ޝަމްޚާނީ، 13 ޖޫންގައި އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވި ކަމަށާއި އެހެން ނަމަވެސް އޭނާ ދުނިޔޭގައި އެބަ ހުންނެވި އެވެ.
އީރާނުގެ ސަރުކާރުގެ ނޫސް އޭޖެންސީ އައިއާރްއެންއޭ ގެ ރިޕޯޓުގައިވާ ގޮތުން، ޝަމްޚާނީ މިހާރު ގެންދަވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އަދި މިހާރު އޭނާގެ ޞިއްޙީ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.
ޝަމްޚާނީގެ އެކްސް އެކައުންޓުން ހޮނިހިރު ދުވަހުގެ ހެނދުނު އިނގިރޭސި ބަހުން ޕޯސްޓެއް ކުރައްވާފައިވެއެވެ. އެ ޕޯސްޓުގައި އޭނާ ހަމަލާއިން ސަލާމަތްވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މެސެޖުގައި ޝަމްޚާނީ ވިދާޅުވީ، އޭނާ ދިރިހުންނެވި ކަމަށާއި އީރާނަށް ޓަކައި ފުރާނަ ގުރުބާން ކުރަން އަދިވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަހަރެން ދިރިހުރިން. އަދި އީރާނަށް ޓަކައި އަހަރެންގެ ފުރާނަ ޤުރުބާން ކުރަން ތައްޔާރަށް މިހުރީ."
ޝަމްޚާނީ ދިރިހުރި ކަން ކަށަވަރުވުމާ އެކު، އިސްރާއީލާއި އީރާނާ ދެމެދު އިތުރަށް ގޯސްވަމުންދާ ހަނގުރާމައިގެ ތެރޭގައި ދޮގު މައުލޫމާތު ފުޅާ ދާއިރާ އެއްގައި ފެތުރޭކަން ވަނީ ހާމަވެފައެވެ.
އަނެއްކޮޅުން ބައެއް ރިޕޯޓު ތައް ބުނާ ގޮތުގައި ޝަމްޚާނީ ދިރި ހުންނެވި ކަމުގެ ޚަބަރަކީ އީރާނަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ. އެއީ އޭނާއަކީ އެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ، ތަޖުރިބާކާރު އަދި މުހިންމު ބޭފުޅަކަށް ވުމެވެ. އަދި އެންމެ މަތީ ވެރިޔާގެ ލަފާދޭ ފަރާތެއްގެ ހައިސިއްޔަތުން އޭނާ އަދާ ކުރައްވާފައި ވަނީ މުހިންމު ދައުރެއްކަން ވަނީ ފާހަގަ ކޮށްފައެވެ.