އިސްރާއީލުގައި އޮތް ނަތަންޔާހޫގެ ސަރުކާރަކީ ސުލްޙައަށް އޮތް މައިގަނޑު ހުރަހެއްކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އިސްތަންބޫލްގައި ހޮނިހިރު ދުވަހު ބޭއްވުނު އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ބޮޑުވަޒީރު ނަތަންޔާހޫގެ ވެރިކަމުގެ ދަށުން އޮތް އިސްރާއީލުގެ ސަރުކާރަކީ ސަރަޙައްދީ ސުލްޙަ އަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.
ނަތަންޔާހޫގެ ހަމައެކަނި ބޭނުމަކީ ސަރަހައްދާއި މުޅި ދުނިޔެ ބޮޑު ކާރިސާ އެއްގެ ތެރެއަށް ވައްޓާލުން ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.
އަދި އީރާނަށް ދިން ހަމަލާ އަކީ މަޝްވަރާތަކަށް ހުރަސް އަޅަން އޭނާ ހިންގި އަމަލެއް ކަމަށް އުރުދުޣާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން މި ސަމިޓުގައި ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވެފައި ވަނީ ޖޫން 13 ވަނަ ދުވަހު އީރާނަށް ހަމަލާދިނުމުގެ ސަބަބުން އިސްރާއީލުން މެދުއިރުމަތި "މުޅިން ހަލާކުގެ ތެރެއަށް" ގެންދަނީ ކަމަށެވެ.
"އިސްރާއީލުން މިހާރު އަޅުގަނޑުމެންގެ އަވައްޓެރި އީރާނަށް ހަމަލާދީގެން މުޅި ސަރަޙައްދު ހަލާކުގެ އައްސޭރިއަށް ގެންދަނީއެވެ،" އޭނާ އިސްތަންބޫލް ގައި އޯއައިސީ ގެ ސަމިޓުގައި ވިދާޅުވިއެވެ.