ކ. މާލެ
|
21 ޖޫން 2025 | ހޮނިހިރު 12:11
އެކްސިޑެންޓްވުމުން ފިލި މީހާ
އެކްސިޑެންޓްވުމުން ފިލި މީހާ
ޕޮލިސް
އެކްސިޑެންޓްގެ މައްސަލައެއް
ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން ފިލި މީހެއްގެ ބަންދަށް ހަ ދުވަސް
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް
ސައިކަލު ދުއްވި މީހާގެ އަތުގައި ލައިސެންސެއް ނެތް
އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން

މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައި.އޯ.އެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖޫން މަހުގެ 16 ވަނަ ދުވަހުގެ 14:10 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، 20 އަހަރުގެ މުޙައްމަދު ނާޝިއު ކަމަށެވެ. އޭނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާއެވެ. އަދި އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ޖޫން 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް