އީރާނުގެ ސިއްޙީ ވުޒާރާގެ އިސްވެރިޔަކު ބުނިގޮތުގައި، ހުކުރު ދުވަހު ތެހުރާނުގައި ހުރި އިތުރު ހޮސްޕިޓަލަކަށް އިސްރާއީލުން ބޮން އަޅައިފިއެވެ.
"މިއީ އިސްރާއީލުން ހަމަލާ ދިން ތިން ވަނަ ހޮސްޕިޓަލެވެ. އޭގެ އިތުރުން 6 އެމްބިއުލާންސް އަކަށާއި ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ވެސް ޒަޔަނިސްޓް ޢަދުއްވުން ވަރަށް އަނިޔާވެރިކަމާ އެކު ހަމަލާ ދީފައި ވެއެވެ،" އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އިން ގެނެސްދިން ބަޔާނެއްގައި އެ ވުޒާރާގެ ޕަބްލިކް ރިލޭޝަންސްގެ އިސްވެރިޔާ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު، ޒަޔަނިސްޓް ސަރުކާރުން އީރާނުގެ ހުޅަނގު ސަރަޙައްދު ގައިވާ ބޯޑަރު ސިޓީ ކަރްމާންޝާ ގައި ހުރި ފަރާބީ ހޮސްޕިޓަލަށް މިސައިލް ހަމަލާއެއް ދިނެވެ. ހޮސްޕިޓަލުގެ ބައެއް ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ހޮސްޕިޓަލުގެ ގިނަ އާލާތްތަކަށް ގެއްލުން ލިބި، ކުޑަދޮރުތައް ތަޅައިގެން ގޮސް، ވޯޑުތަކުގައި އެނދުމަތިކުރެވިފައި ތިބި ބަލިމީހުންނަށް އަނިޔާވިއެވެ.
ހަމަ މިފަދަ ޢަމަލެއް ޖޫން 14 ވަނަ ދުވަހު، އިސްރާއީލުން ފޮނުވި ޑްރޯނެއް ދެކުނު ތެހުރާނުގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަޙައްދަށް ވަނީ އަމާޒުވެފައެވެ. އިރާނުގެ ޞިއްޙީ އިދާރާތަކާއި އިންސާނިއްޔަތާ ބެހޭ ޖަމްޢިއްޔާތަކުން މި ހަމަލާ ކުށްވެރިކޮށް، މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ހިލާފު ކަމެއް ކަމަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ކުށެއް ކަމަށް ބުނެފައިވެއެވެ.
މިފަދަ ހަމަލާތަކުގެ ސަބަބުން، އިސްރާއީލުން ދޭ ހަމަލާތަކަކީ ވަކި ތަންތަނަށް "ސީދާ އަމާޒުކޮށްގެން" ދޭ ހަމަލާތަކެއް ކަމަށް ބުނާ ވާހަކަތައް ފުށުއަރާ ކަމަށާއި، މިއީ އިސްރާއީލުން ވަކި އިސްތިސްނާ އެއް ނެތި އާންމުކޮށް ދެމުންދާ ހަމަލާތަކެއްކަން ހާމަކޮށްދޭ ކަމެއް ކަމަށް ޞިއްޙަތާބެހޭ މިނިސްޓްރީން އިތުރަށް ބާރުއަޅައި ބުނެފައިވެއެވެ.
މި ހަމަލާތަކުގެ ސަބަބުން ޞިއްޙީ ދާއިރާއަށް ލިބޭ ގެއްލުމުގެ އިތުރުން، އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް ލިބުމަށް ހުރަސްއެޅި، އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާވެ، އިންސާނީ ޙައްޤުތަކަށް ބޮޑެތި އުނިކަން ލިބެމުންދާ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުން މިފަދަ ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިރާނުގެ ސަރުކާރުން ގޮވާލައި، މިފަދަ ހަމަލާ ތަކަކީ ހަނގުރާމައިގެ ކުށްތަކެއްކަމަށް ބަލައި، އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ގޮވާލާފައިވެއެވެ.
އަނެއް ކޮޅުން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ، މި ހަނގުރާމަ ނިންމުމަށް އޮތް ހަމައެކަނި ގޮތަކީ އިސްރާއީލުން އެމީހުންގެ ވައިގެ ހަމަލާތައް ހުއްޓާލުން ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކޮށްފައި ވަނީ ސުލްޙައާއި ހަމަޖެހުމަށެވެ،" އީރާނުގެ މީޑިއާތަކުން ގެނެސްދިން ޚަބަރެއްގައި އީރާނުގެ ރައީސް ވިދާޅުވި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
"މިހާރުގެ ހާލަތުގައި، ދެމިގެންދާނެ ސުލްޙައެއް ވުޖޫދުވާނީ ހަމައެކަނި ޒަޔަނިސްޓު ޢަދުއްވު އެމީހުންގެ ޢަދާވާތްތެރިކަން ހުއްޓާލައި، އެމީހުންގެ ޓެރަރިސްޓު އަމަލުތައް ނިމުމަކަށް ގެންނާނެ ކަމުގެ ޔަޤީންކަމެއް ދިނުމެވެ."
ޕެޒެޝްކިއަން އިންޒާރުދެއްވީ "އެގޮތަށް އެކަން ނުކުރެވިއްޖެ ނަމަ، އީރާނުން މާ ބާރުގަދަ އަދި ހިތްދަތި ޖަވާބެއް ދޭން ޖެހިދާނެ" ކަމަށެވެ.