ކ. މާލެ
|
20 ޖޫން 2025 | ހުކުރު 12:50
އިރާނުން އިސްރާއީލަށް ހުކުރު ދުވަހު ދިން ހަމަލާގައި ގެއްލުންވި ތަންތަނުގެ ފޮޓޯ އެއް
އިރާނުން އިސްރާއީލަށް ހުކުރު ދުވަހު ދިން ހަމަލާގައި ގެއްލުންވި ތަންތަނުގެ ފޮޓޯ އެއް
ޓްވިޓަރ
އިޒްރާއީލް އީރާން ހަނގުރާމަ
އީރާނުގެ ހަމަލާތައް އިސްރާއީލަށް : ބިރް އައްސަބަޢުގެ ސަރަހައްދުތައް ރޯވެ އަނދަނީ
ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިންގެ ސީ4އައި ބްރާންޗް ކެމްޕަސް ވެސް ހުންނަނީ މި ހަމަލާތައް ދިން ސަރަހައްދުގައި

އިސްރާއީލްގެ ދެކުނުގެ ސިޓީއެއްކަމަށްވާ ބިރް އައްސަބަޢުއަށް ވަރުގަދަ ޙަމަލާއެއް އީރާނުން ދީފިއެވެ.

މި ހަމަލާ ދީފައި ވަނީ ހުކުރު ދުވަހުއެވެ. މި ހަމަލާ އަމާޒު ކުރީ އެ ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒަކަށް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އިސްރާއީލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބިރް އައްސަބަޢުގެ މައިކްރޮސޮފްޓް އޮފީހެއް ހުންނަ ޓެކް ޕާކެއް ކައިރީގައި އެތައް އަލިފާންގަނޑެއް އަނދަމުންދާ ކަމަށް ސީއެންއެން އިން ހުކުރު ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.

ބިރް އައްސަބަޢުގެ ސަރަހައްދުތައް ރޯވެ އަނދަމުންދާ މަންޒަރު ފެނުނު ކަމަށް އިސްރާއީލްގެ މީޑިއާގައި ވަނީ ރިޕޯޓްކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ގަވް-ޔަމް ނެގޭވް އެޑްވާންސްޑް ޓެކްނޮލޮޖީސް ޕާކުގައި ހުރި މައިކްރޮސޮފްޓް އޮފީހަށް ވެސް މި ހަމަލާގައި ގެއްލުންވެފައިވެއެވެ. އަދި މި ޓެކް ޕާކުގައި ރޮބޮޓިކްސް، ޑޭޓާ ސައިންސް، އަދި މިނޫންވެސް ގިނަ ދިރާސާތަކާއި ޑިވެލޮޕްމަންޓް ހަރަކާތްތައް ހިންގާ ކަމަށް ވަނީ ބުނެފައެވެ. ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިންގެ ސީ4އައި ބްރާންޗް ކެމްޕަސް ވެސް ހުންނަނީ މި ހަމަލާތައް ދިން ސަރަހައްދުގައެވެ.

މި ހާދިސާގައި ފަސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތި ލިބިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. އީރާނުގެ ރިވޮލިއުޝަން ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އެ ޤައުމުގެ ސަރުކާރުގެ މީޑިއާ މެދުވެރިކޮށް ބުނެފައި ވަނީ "ހައިފާ އަދި ތެލް އަވީވް ސިޓީތަކުގައި ހުރި އަސްކަރީ އަމާޒުތަކާއި އަސްކަރީ ސިނާޢަތާ ގުޅުންހުރި ސިނާޢީ މަރުކަޒުތަކަށް މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން އައު ބުރެއްގެ ހަމަލާތައް ފަށައިފި" ކަމަށެވެ.

އީރާނާާއި އިޒްރޭލުން އެއް ޤައުމު އަނެއް ޤައުމަށް ހަމަލާދޭތާ މި ޖޫން 20 ވަނަ ދުވަހަށް ހަފްތާ އެއް ވަނީ ވެފައެވެ. މި ހަމަލާތައް ފެށީ އިސްރާއީލުން ކަމަށް ވާއިރު، ހަމަލާތައް ދެމުންދަނީ އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް ކަމަށް ބުނެއެވެ. އިރާނުން ވެސް ދަނީ އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.

- ކޮމެންޓް