ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި 43 މީހެއްގެ މައުލޫމާތު އިންޓަޕޯލް އާއި ފުލުހުން ހިއްސާކޮށްފިއެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އާއްމު ކޮށްފައިވާ އިރު އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިންމުމަށް ފަހު މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް "ގްރީން ނޯޓިސް" މިހާރު ވަނީ ނެރެފައި ކަމަށެވެ.
އެފަދައިން މިހާތަނަށް ގްރީން ނޯޓިސް ނެރެފައި ވަނީ 43 މީހެއްގެ މައްޗަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނިގޮތުގައި ގްރީން ނޯޓިސް ނެރުނު މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންގެ އިތުރުން 18 ބިދޭސީން ހިމެނެއެވެ.
އިންޓަޕޯލް ގްރީން ނޯޓިސް ނެރެނީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތައް އަންގާ ދިނުމަށާޢި އެ މީހުންގެ ކުށުގެ ރެކޯޑަށް ބަލާ އިރު ސަމާލުވާން ޖެހޭ ފަދަ ކަންކަން ހުރުމުން އެކަން އަންގާދިނުމަށްޓަކައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި 43 މީހެއްގެ މައުލޫމާތު އިންޓަޕޯލް އާއި ހިއްސާކޮށްފައި ވާއިރު، ދިވެހިރާއްޖޭގައި އެކި ގޮތް ގޮތުން އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިންކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގައި އަނިޔާލިބިފައިވާ ކުދިންގެ ތެރެއިން ޖިންސީ އަނިޔާ 264 ކުއްޖަކަށް ލިބިފައިވެ އެވެ.