އިސްރާއީލުގެ ހޮސްޕިޓަލަކަށް އަމާޒުވި ހަމަލާގެ މައިގަނޑު އަމާޒަކީ އަސްކަރީ އަދި އިންޓެލިޖެންސް މަރުކަޒެއް ކަމަށް އިރާނުން ބުނެފި އެވެ.
އިރާނުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އިސްރާއީލުގެ ދެކުނުގައި ހުރި ހޮސްޕިޓަލަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ ސިފައިންގެ އަދި އިންޓެލިޖެންސް މަރުކަޒެއް ކަމަށެވެ.
ހަމަލާ ދިނީ ހޮސްޕިޓަލަށް އަމާޒުކޮށް ނޫން ކަމަށެވެ.
އިސްރާއީލުގެ ދެކުނުގައި ހުރި ހޮސްޕިޓަލަކާއި ތެލް އަވީވްގެ ކައިރީގައި ހުރި ދެ ސިޓީ އަކަށް އިރާނުގެ މިސައިލްތަކުގެ ބޮޑު ހަމަލާއެއް ބުރާސްފަތި ދުވަހު ހެނދުނު އަމާޒުވިއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އިރާނުގެ އެންމެ ފަހުގެ މި ހަމަލާގައި މަދުވެގެން 47 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
"މި ހަމަލާގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ އަސްކަރީ ކޮމާންޑް އަދި އިންޓެލިޖެންސް ބޭސް އަށާއި ސޮރޯކާ ހޮސްޕިޓަލުގެ ކައިރީގައި ހުރި ގަވް-ޔާމް ޓެކްނޮލޮޖީ ޕާކުގައި ހުރި އަސްކަރީ އިންޓެލިޖެންސް ކޭމްޕް" އަށް ކަމަށް އިރާނުގެ ސަރުކާރުގެ ނިއުސް އޭޖެންސީ އައިއާރްއެންއޭ އިން ބުނެފައިވެއެވެ.
އެ އޭޖެންސީން ބުނެފައިވަނީ ހޮސްޕިޓަލަށް "ގޮވުމުގެ ރާޅުގެ އަސަރުކުރި" ކަމަށާއި، "ސީދާ އަދި ސާފުކޮށް އަމާޒު ކުރެވުނީ" އަސްކަރީ މަރުކަޒަށް ކަމަށެވެ.