ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 14:44
އިސްރާއީލުން އީރާނަށް ދިން ހަމަލާ އެއްގައި ތެހެރާނުގެ އެހި ތަންތަނުން އަލިފަނާއި ދުން އަރަނީ، 2025 ޖޫން 15
އިސްރާއީލުން އީރާނަށް ދިން ހަމަލާ އެއްގައި ތެހެރާނުގެ އެހި ތަންތަނުން އަލިފަނާއި ދުން އަރަނީ، 2025 ޖޫން 15
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޢަމަލީ މަސައްކަތެއް ކުރަމުންދާކަން އެނގޭ އެއްވެސް ހެތްކެއް ނެތް: އައިއީއޭއީގެ ވެރިޔާ
އީރާނުން ބުނީ މިހާރު "މާ ލަސްވެއްޖެ" ކަމަށް

އީރާނުގައި "ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޢަމަލީ މަސައްކަތެއް ކުރަމުން ދާކަން" ދައްކުވައިދޭ މަޢުލޫމާތެއް ނެތްކަމަށް އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

އައި.އޭ.އީ.އޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވެފައި ވަނީ އީރާނުން ޢަމަލީ ގޮތުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަން ދައްކުވައިދޭ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އީރާނުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޢަމަލީ، ނިޒާމީ ޕްލޭނެއް އޮތްކަން ދައްކުވައިދޭ އެއްވެސް ކަމެއް ފެނިފައެއް ނުވޭ،" ގްރޮސީ އަލްޖަޒީރާ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

"އީރާނުގެ އެއްވެސް ތަނެއްގައި ނިއުކްލިއަރ ހަތިޔާރެއް އުފައްދަމުން ދާކަން ނުވަތަ އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ކަށަވަރު ކޮށްދޭ އެއްވެސް ކަމެއް އިންސްޕެކްޓަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަކަށް ފެނިފައެއް ނުވޭ."

ގްރޮސީގެ މި ވާހަކަތައް އައިސްފައިވަނީ އެ އެޖެންސީގެ ގަވަރނަރުންގެ ބޯޑުން އީރާނުން ބައިނަލްއަޤްވާމީ ނިއުކްލިއަރ ސޭފްގާޑްސްތަކާ އެއްގޮތަށް ޢަމަލު ކުރަމުން ނުދާ ކަމަށް ކަނޑައެޅި ތާ ހަފްތާއެއް ފަހުންނެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީގެ އިސްވެރިޔާ ރަފައެލް ގްރޮސީ އާއި އެ ޖަމްޢިއްޔާ އިން މިހާރު ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވާކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި އެ ފަރާތްތަކުން އީރާނުގެ ނިއުކްލިއަރ ޙަރަކާތްތަކާ ގުޅޭގޮތުން ނެރެފައިވާ "ތަޢައްޞުބުން ފުރިގެންވާ" ރިޕޯޓުތައް އިސްރާއީލުން ހަމަލާ ދިނުމަށް "ބަހަނާއެއްގެ" ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އީރާނުން ޢަމަލީ ގޮތުން ނިއުކްލިއަރ ހަތިޔާރު އުފައްދަމުން ދާކަން ދައްކުވައިދޭ ހަރުދަނާ ހެއްކެއް އެޖެންސީ އަށް ލިބިފައި ނުވާ ކަމަށް ގްރޮސީ ފަހުން މި ދެއްވި ބަޔާނާ ގުޅޭގޮތުން އިސްމާޢީލް ބަޤާއީ ވިދާޅުވެފައިވަނީ: "މިހާރު މާ ލަސްވެއްޖެ." ކަމަށެވެ.

"މި ޙަޤީޤަތް ތިޔަ ފަރާތުން އެއްކޮޅަށް ބުރަވެފައިވާ ރިޕޯޓުގައި ވަނީ ވަންހަނާ ކޮށްފައި. އެ ރިޕޯޓު ފްރާންސް، ޖަރުމަނު، ޔޫކޭ އަދި ޔޫއެސް އިން ބޭނުންކުރީ 'ޤަވާޢިދާ ޚިލާފުވުން' ކަމަށް ބުނެ އަސާސެއް ނެތް ތުހުމަތުތަކެއް ހިމެނޭ ޤަރާރެއް އެކުލަވާލުމަށް،" ބަޤާއީ އެކްސްގައި ލިޔުއްވިއެވެ.

"ހަމަ އެ ޤަރާރު ބޭނުން ކުރީ، އެންމެ ފަހުގެ ބަހަނާއެއްގެ ގޮތުގައި، ނަސްލު ފުހެލާ ހަނގުރާމަ ހިންގާ ދައުލަތުން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމަ އެއް ފެށުމަށާއި އަޅުގަނޑުމެންގެ ސުލްޙަވެރި ނިއުކްލިއަރ ވަސީލަތްތަކަށް ޤާނޫނާ ޚިލާފަށް ހަމަލާ ދިނުމަށް."

"މި ހަނގުރާމައިގެ ސަބަބުން ކިތައް މަޢުޞޫމު އީރާން މީހުން ވަނީ މަރުވެފައި/ޒަޚަމްވެފައިކަން ތިބާއަށް އެނގޭތޯ؟" އޭނާ ވިދާޅުވިއެވެ.

"އޮޅުވާލުމުގެ ވާހަކަތަކުގެ ނުރައްކާތެރި ނަތީޖާތައް ނުކުންނާނެ، މިސްޓަރ ގްރޮސީ، އަދި އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެ."

"ތިބާ ވަނީ ... ޚިޔާނާތްތެރިވެފައި؛ ތިބާ ވަނީ އައި.އޭ.އީ.އޭ މި އަނިޔާވެރި އުދުވާނީ ހަނގުރާމައިގެ ބައިވެރި އަކަށް ހަދާފައި".

- ކޮމެންޓް