ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 09:18
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
އެމްޑީޕީ ސެކްރިޓޭރިއެޓް
އެމްޑީޕީ
ރައީސް ނަޝީދު އާއި ޑިމޮކްރަޓްސްގެ މެމްބަރުންނަށް ރައީސް ޞާލިޙުގެ މަރުޙަބާ
ރައީސް ޞާލިޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ކަމަށް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ދަ ޑިމޮކްރަޓްސްގެ މެމްބަރުން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ އަލުން ގުޅުމަށް ނިންމި ނިންމުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން އެ މެމްބަރުންނަށް މަރުޙަބާ ދަންނަވައި ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމި ތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ މަޞްލަޙަތު އަބަދު ވެސް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް ޞާލިޙު ވަނީ ޅެން ބައިތެއް ވެސް ހިމަނުއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވާފައި ވަނީ،

“ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.

ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން.”

ރައީސް ޞާލިޙު މިހެން ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް ނަޝީދު އާއި ޑިމޮކްރަޓްސްޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމާފައި ވަނިކޮށެވެ. އަދި އެނިންމުމާ ގުޅިގެން ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި،އެ ބޭފުޅުންނަށް މަރުޙަބާ ވިދާުވާން ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ވެސް ރައީސް ޞާލިޙު ވަނީ އެމްޑީޕީ އިން ވަކިވެގެން ދިޔަ މެމްބަރުން އަލުން އެ ޕާޓީ އަށް އައުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެގޮތުން 2024 ވަނަ އަހަރު އެމްޑީޕީގެ އަހަރީ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރުޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައީސް ޞާލިޙު އޭރު ވެސް ވިދާޅުވެފައި ވަނީ، އެމްޑީޕީ އަކީ އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީ އެއް ކަމަށާއި، އެއީއެންމެންގެ ވެސް ޕާޓީއެއް ކަމަށެވެ.

މީގެ އިތުރުން ކުރިން އުފެދިފައިވާ މައްސަލަތައް، އަދި އެމަނިކުފާނާ ދޭތެރޭގައި މައްސަލައެއް އޮވެއްޖެ ނަމަ އެކަން ވެސް އެއް ފަރާތުގައި ބޭއްްވުމަށް ފަހު، ދިވެހިޤައުމައިގެން ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މީގެ އެތައް އަހަރުތަކެއް ކުރިން އެމްޑީޕީ އިން ފެށި މަސައްކަތް ނިމުނާ ހިސާބަށް ނުދާ ކަމަށް ވެސް އެ ދުވަހުރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހެންމެ، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ހުރިހާ ބޭފުޅުން ވެސް ގުޅިގެން، އެކު އެކީގައި ކުރިއަށް ދިޔުމުގެ މުހިންމުކަން އެ ދުވަހު ވެސްރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެމްޑީޕީގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ، ރައީސް ނަޝީދު އާއި އެ ޕާޓީގައި މީގެ ކުރިން އިސްކޮށް މަސައްކަތް ކުރައްވާފައިވާ ގިނަ ބޭފުޅުންތަކެއް އަލުންއެމްޑީޕީއާ ގުޅުމަށް ނިންމާފައިވާއިރު، އެމްޑީޕީ އިން ވެސް ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވާނެ ކަމަށް ބުނެފަ އެވެ.

- ކޮމެންޓް