މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 259 ގްރާމްގެ ރަބަރު ޕެކެޓެއް ގެންގުޅުނު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
އަންގާރަ ދުވަހު ފުލުހުން ބުނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، 22 އަހަރުގެ މުޙައްމަދު ޢާލިމް ކަމަށެވެ.
ފުލުހުން ބުނީ، އާލިމް ހައްޔަރުކުރީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށެވެ.
އޭނާގެ ގެންގުޅުނު ކޮތަޅުތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިފަހުން ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. އެގޮތުން ހިޔާ ފްލެޓު ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.