ހެންވޭރު ގެއެއްގެ ފުރާޅުމަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެ ތަހުގީގުގައި ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ހާދިސާގެ ތަހުގީގަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެއެވެ. އަދި ފުލުހުންގެ ބަހަށް އިތުބާރު ނުކޮށް ގިނަ އަދަދެއްގެ ޒުވާނުންތަކެއް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއެވެ.
ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން ފަރުވާ ކުޑަކޮށްފައިވާކަން ފާހަގަކޮށް އެ ކަންކަން އިސްލާހު ކުރަން އެ ކޮމިޝަނުން ވަނީ ލަފާ ދީފައެވެ. އެ ރިޕޯޓުގައި ބުނީ، މި ހާދިސާގެ މައުލޫމާތު އިންވެސްޓިގޭޝަން އޮފިސަރަށް (އައިއޯ) ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯއަށް އެ ތަނަށް ދެވުނު އިރު ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ސީންގައި ހުރި އޮފިސަރު ނަގާ ނިންމާފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކި ހޯދިފައި ނުވެ އެވެ.
އޭގެ އިތުރުން، އެ ތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި ޕެރަމެޑިކް ޓީމުތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ހާޒިރުވެވުނު ނަމަވެސް ފުލުހުންގެ ޓޭޕު ދަމައި ބައުންޑްރީއެއް ކަނޑައަޅާފައި ނެތުމުން، ކުށުގެ ވެށި ރައްކާތެރި ކުރެވިފައި ނުވާކަން ރިޔާސީ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ޔުމްނުގެ ބަހެއް ނެތި، ތަހުގީގު ނިމުމަކަށް ގެންނަން ޖެހުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުބެލެވުނު ނަމަވެސް ކޮމިޝަނުން ކުރި ތަހުގީގަށް ލިބުނު ހެއްކާއި ގަރީނާއަށް ބަލާއިރު ޔުމްނުގެ ބަހެއް ނުލިބުމުން ތަހުގީގުގެ ނަތީޖާއަށް އޭގެ އަސަރު ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ހ. މިޓާޒްގޭގެ ފުރާޅު މަތިން އެއްވެސް ހެއްކެއް ހޯދަން ފުލުހުން މަސައްކަތެއް ކޮށްފައި ނުވެ އެވެ. އެޕްރީލް 18، ގެ ހަވީރު ފެންޓެނޯއީއަށް ތަހުގީގަށް ދިޔަ ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވެސް ހ. މިޓާޒްގޭގެ ފުރާޅަށް އަރައި ހެކި ހޯދުމަށް މަސައްކަތް ކޮށްފައި ނުވެ އެވެ.